އެމްއެމްޕީއާރްސީ

އެމްއެމްޕީއާރްސީގެ މައްސަލައިގައި އެމްއެމްއޭ ނުވަތަ ބީއެމްއެލްގެ ބޭފުޅެއްގެ އަތެއްވާކަން އެނގޭނީ ތަހުގީގަށް ފަހު: ގަވަރުނަރު

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލައިގައި އެމްއެމްއޭ ނުވަތަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޭފުޅެއްގެ އަތެއްވާ ނަމަ އެކަމެއް އެނގޭނީ ތަހުގީގަށް ފަހު ކަމަށް ގަވަރުނަރު އަހްމަދު ނަސީރު ވިދާޅުވެއްޖެއެވެ.

އެމްއެމްއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގަވަރުނަރު ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލައިގައި ނިޒާމުގެ މައްސަލައަކަށް ވުރެ ބޮޑަށް އެކަން ހިނގައިދިޔައީ ބައެއްގެ އިހުމާލެއް ނުވަތަ ބައެއްގެ ނުފޫޒުންނޭ ބުނެވިދާނެ ކަމަށެވެ.

"ތަހުގީގުކުރަމުންދާ މައްސަލައަކަށް ވާތީ އަޅުގަނޑަށް މިވަގުތު ދެންނެވޭކަށް ނެތް އެމްއެމްއޭ ތެރޭގައި ނުވަތަ އެފްއައިޔޫ ތެރެއިން ނުވަތަ ބޭންކް އޮފް މޯލްޑިވްސްގެ ތެރޭގައި މީގައި ޒިންމާވާނީ ކޮންކޮން ބޭފުޅުންނެއް ކަމެއް. އެހެނަސް ތަހުގީގު ނިމުމަށް ފަހުގައި އެކަމުގައި ޒިންމާވާ ފަރާތްތަކެއްވާ ނަމަ، އެ ފަރާތްތަކަކަށް ފިޔަވަޅު އެޅިގެންދާނެ ކަމުގެ ޔަގީންކަން އަރުވަން،" އޭނާ ވިދާޅުވިއެވެ.

ގަވަރުނަރު ވިދާޅުވީ 1.22 ބިލިއަން ރުފިޔާ ދައުލަތަށް ހޯދަން ޖެހިފައިވާކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށާއި ދައުލަތަށް ލިބެންޖެހޭ އެ ފައިސާއަކީ ނިޒާމުން ބޭރުން އެހެން ގޮތަކަށް ބަދަލުކުރެވިގެން ގޮސް ހިނގި ކަންތައްތަކެއްގެ ތެރެއިން ގެއްލުނު ފައިސާތަކެއް ކަން އޮޑިޓް ރިޕޯޓުން އެނގޭ ކަމަށެވެ.

"މި ރިޕޯޓުން އަޅުގަނޑުމެންނަށް ފާހަގަވެގެން އެބަދޭ ދައުލަތަށް މި ލިބެންޖެހޭ ފައިސާއަކީ ކުރީގައި ވަކި ނިޒާމެއް ހަމަޖެހިފައި އޮންނަ އޮތުން ނިޒާމުގެ ބޭރުން އެހެން ގޮތަކަށް ބަދަލުކުރެވިގެން ގޮސް، ޓުއަރިޒަމް މިނިސްޓްރީގެ ދަށުގައި އޮތް މަސައްކަތެއް އެމްއެމްޕީއާރުސީއޭ ކިޔޭ ކުންފުންޏަކަށް ހަވާލުކުރެވިގެން ރަށްތަކެއް ލީސް އެކުވިޝަން ފީއަކާ ނުލައި އެ ކުންފުންޏަށް ހަވާލުކުރެވިގެން އެކުންފުނި މެދުވެރިވެގެން އެކިއެކި ފަރާތްތަކަށް ރަށްތައް ދޫކުރެވި އަދި ހަމައެއާއެކު މިދެންނެވިހެން ދައުލަތުގެ ޕަބްލިކް ފައިނޭންސް އެކްޓްގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައި އެބައޮވޭ ދައުލަތަށް ލިބެންޖެހޭ ހުރިހާ ފައިސާއަކީ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރެވެން ޖެހޭ ފައިސާއެކޭ،" އޭނާ ވިދާޅުވިއެވެ.

ގަވަރުނަރު ވިދާޅުވީ ނިޒާމުން ބޭރުން އެމްއެމްޕީއާރްސީއަށް ރަށްތަކެއް ހަވާލުކުރެވިގެން އެ ރަށްތައް އަމިއްލަ ކުންފުނިތަކަކަށް ލީސް ނުވަތަ ވިއްކުމުގެ ތެރޭގައި ހިނގާފައިވާ މުއާމަލާތްތަކުގެ ތެރޭގައި އެމްއެމްޕީއާރްސީ އެކައުންޓަށް ޖަމާނުވެ، އަމިއްލަ ކުންފުނިތަކަކަށް ޖަމާވެގެންދިޔަކަން އޮޑިޓް ރިޕޯޓުގައި ފާހަގަވެގެންދާ ކަމަށެވެ.