ކަރަންޓީނު ފެސިލިޓީން ފިލި މީހުންގެ މައުލޫމާތު އާންމުކުރުމާ މެދު މަޝްވަރާކުރަމުން އަންނަ ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ހެރެތެރެ ރިސޯޓު ކަރަންޓީނު ފެސިލިޓީން ފިލި މީހުން ނުފެނި ލަސްވާނަމަ އެމީހުންގެ މައުލޫމާތު އާންމު ކުރުމުގެ މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އެމީހުންގެ ސަބަބުން މުޖުތަމައަށް ބިރުވެރިކަން އޮވެދާނެ ކަމަށާއި އެހެންކަމުން އެމީހުންނާ ދޭތެރޭ ކަންކަން ކުރަން އޮންނަ އުސޫލުގެ ދަށުން އެކަން ކުރިއަށް ގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު އެކަމުގެ މަޝްވަރާ އެބަ ކުރަން. ދެން އެކަމަށް ގޮތެއް ނިންމާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމާ ގޮތެއް އެނގުމުން. އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން މިހާރުވެސް އެބަ ކުރޭ،" މަބަރޫކް ވިދާޅުވިއެވެ.
ހެރެތެރެ ރިސޯޓު ކަރަންޓީނު ފެސިލިޓީން ފިލި ފަސް މީހުންގެ ތެރެއިން ތިން މީހަކު ފުލުހުން މިހާރުވަނީ ހޯދައިފައެވެ. އެ ފެސިލިޓީން ފިލާފައިވަނީ ދިވެހި ފަސް ފިރިހެނެކެވެ. އެމީހުން ފިލި މައްސަލަ ހުށަހަޅާފައިވަނީ މިއަދު އިރުއޮއްސުނު ވަގުތެއްގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ކޮވިޑް 19އާ ގުޅިގެން ކަރަންޓީނުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމުމުން ބައެއް މީހުން ދަނީ ކަރަންޓީނަށް ދާން ދެކޮޅު ހަދަމުންނެވެ. ނަމަވެސް ކަރަންޓީނަށް ދާން ދެކޮޅު ހެދުމުން އެމީހުންގެ މައްސަލަ ކޯޓަށް ހުށަހަޅައި، ކޯޓު އަމުރުން އެމީހުން ކަރަންޓީނު ކުރެއެވެ.