ކުއްލި ޚަބަރު

މިއަދު ޕޮޒިޓިވްވި މާބަނޑުމީހާ އައިޖީއެމްއެޗުގައި އެޑްމިޓްކުރީ ދެދުވަސްކުރީން، އަލާމާތެއް ނެތް: މަބްރޫކް

އަލީ ޔާމިން

މިއަދު ޕޮޒިޓިވްވި މާބަނޑުމީހާ އައިޖީއެމްއެޗުގައި އެޑްމިޓްކުރީ ދެދުވަސްކުރީން ކަމަށާއި އޭނާގެ ފަރާތުން އަލާމާތެއް ނެފެންނަ ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަހައްމަދު މަބްރޫކް އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، މިއަދު ބައްޔަށް ޕޮޒިޓިވްވި މާބަނޑު މީހާގެ ފަރާތުން އަލާމާތެއް ނުފެންނަ ކަމަށާއި އެ މީހާއަކީ މީގެ ދެ ދުވަސް ކުރިން އައިޖީއެމްއެޗުގައި އެޑްމިޓް ކުރެވުނު މީހެއް ކަމަށެވެ.

"މާބަނޑު މީހަކު އައިޖީއެމްއެޗުގައި އެޑްމިޓް ކުރި. އަޅުގަނޑު ހިތުން ދެ ދުވަސް މިވީ އެޑްމިޓް ކުރިތާ. ދެން މިއަދު ސާމްޕަލް ނެގިއިރު އޭ ސިމްޕްޓަމެޓިކް. ސާމްޕަލްގެ ނަތީޖާއިން މި އެނގުނީ ޕޮޒިޓިވްކަން،" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، އޭނާ ބައްޔަށް ޕޮޒިޓިވްވުމުން ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

މިއީ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ތިންވަނަ މާބަނޑު މީހާއެވެ. އެގޮތުން މީގެ ކުރިން މާލެއިންނާއި، ށ. ނަރުދޫއިން ވަނީ މާބަނޑު މީހަކު ބައްޔަށް ޕޮޒިޓިވްވެފައެވެ.

މާބަނޑު މީހުންނަކީ ކޮވިޑް ޖެހުމުގެ ފުރުސަތު ބޮޑު ކެޓަގަރީގައި ހިމެނޭ ބައެކެވެ. އެ ކެޓަގަރީގައި ދެން ހިމެނެނީ އުމުރުން ދުވަސްވީ މީހުންނާއި، އުމުރުން ފަސް އަހަރުން ދަށުގެ ކުޑަކުދިންނާއި، ދާއިމީ ބައްޔަކަށް ފަރުވާކުރާ މީހުންނެވެ.