އަލީ ޔާމިން
ހަގީގީ ޕީކެއް ލޮކްޑައުންގެ ތެރޭގައި ފެނުމަކީ ނާދިރުކަމެއް ކަމަށާއި އެކަން ވާނީ ލޮކްޑައުނުން ބޭރުގައި ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، މާލޭގައި ކޮމިޔުނިޓީ ސްޕްރެޑެއް އޮތްކަން އެންމެންނަށްވެސް އެނގޭ ކަމަށާއި އެހެންކަމުން މާލޭގެ މަގުމައްޗަށް ނުކުންނަ ކޮންމެ މީހަކީވެސް މިވަގުތު ބައްޔަށް ހުށަހެޅިފައިވާ މީހެއް ކަމަށެވެ.
ޑރ. އަފްޒަލް ވިދާޅުވީ، މަގުތަކަށް ނުކުންނައިރު ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަކީ މުހިންމުކަމެއް ކަމަށެވެ. އަދި މާލެ ލޮކްޑައުންކޮށްފައިވަނީވެސް ބަލި ފެތުރުން ލަސް ކުރުމަށް ކަމަށާއި، ލޮކްޑައުންއިން ނުވީއްލަނީސް ބަލީގެ ހަގީގީ ޕީކްއެއް ފެނުމަކީ ނާދިރު ކަމެއްކަމުގައި ވިދާޅުވިއެވެ.
"ހަގީގަތުގައި ލޮކްޑައުން ތެރޭގައި ޓްރޫ ޕީކެއް ފެނުމުގެ ފުރުސަތު ކުޑަވާނެ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.
ލޮކްޑައުންގެ ތެރޭގައި ބަލީގެ ޕީކެއް ނުފެނުނު ނަމަވެސް ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. އަފްޒަލް ވިދާޅުވީ، މާލެ ލޮކްޑައުންގައި ބާއްވާ މައިގަނޑު ބޭނުމަކީ މިހާރު ބަލި ޖެހިފައި ހުރި މީހުންނާއި އެމީހުންގެ ކޮންޓެކްޓުން ހޯދުމަށް ކަމަށެވެ. އަދި މާލެ އަބަދު ލޮކްޑައުންގައި ނުބޭއްވޭނެ ކަމަށާއި ކޮވިޑާއެކު އުޅެން ދަސްކުރަން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.