ކުއްލި ޚަބަރު

ރާއްޖޭގެ ކޮވިޑުގެ ހާލަތާ ގުޅޭ ގޮތުން ކުރިޔަށް މިހާރު ލަފާކުރެވޭ ގޮތް މާދަންރޭ އާންމުކުރަނީ

ރާއްޖޭގެ ކޮވިޑުގެ ހާލަތާ ގުޅޭ ގޮތުން ކުރިޔަށް މިހާރު ލަފާކުރެވޭ ގޮތް މާދަން ރޭ އާންމުކުރަން ނިންމައިފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19ގެ ހާލަތާ ގުޅޭ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައި ހުންނަ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ރާއްޖޭގެ ހާލަތު މިހާރު ކުރިއަށްދާ ގޮތަށް ރިއާޔަތްކޮށް، ރާއްޖޭގެ ގުދު ކުރިއަށްދާނެ ގޮތުގެ އަންދާޒާއެއް ޑރ. ޝީނާ މޫސާ މާދަމާ ރޭ އަރުވާނެ ކަމަށެވެ.

ޑރ. ޝީނާ އަކީ ކުރީގެ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަދި އެންއީއޯސީގެ ކޮންސަލްޓަންޓެވެ.

ކޮވިޑް 19 އާއްމުންގެ ތެރޭގައި ފެތުރިއްޖެ ނަމަ، ރާއްޖޭގެ ހާލަތު އަންދާޒާކޮށް ޑރ. ޝީނާ އެންމެ ފަހުން މައުލޫމާތު ހާމަކުރީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ. އެއީ މާލެއިން ބަލި ފެނި، މާލޭގައި ނުރައްކަލުގެ ހާލަތު ރަތަށް މަތިކޮށް، މުޅި ރާއްޖެ ލޮކްޑައުންކުރިތާ ދެ ދުވަސް ފަހުންނެވެ.

ރާއްޖޭގައި އޭރު އޮތް ހާލަތަށް ރިއާޔަތްކޮށް ޑރ. ޝީނާ އެދުވަހު އާންމުކުރި ލަފާކުރީ ކޮވިޑް 19 އިން ރައްކާތެރިވާން އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅައި، މުޖުތަމައުގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވް އެންމެ މީހަކު ފެންނަ ހިސާބުން ވެސް މުޅި ރާއްޖޭގައި 98،500 މީހުނަށް ބަލި ޖެހިދާނެ ކަމަށެވެ.

އަދި އޭރު ރާއްޖޭގައި ބަލި ފެތުރެމުން ދިޔަ ހަލުވިކަމުގައި ބަލި ފެތުރޭނަމަ ދިހަ ދުވަހުގެ ތެރޭގައި އެޑްމިޓްކުރަންޖެހޭ މިންވަރު ވަރަށް ބޮޑު އުފުލިގެންދާނެ ކަމަށާއި އަދި އެ ހާލަތަށް ގޮސްފިނަމަ ވަރަށް ގިނަ ބަޔަކަށް ހިދުމަތް ނުދެވިދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން އޭރު ރާއްޖޭގައި ކޮވިޑް 19 ފެތުރޭހާ ބާރަށް ބަލި ފެތުރޭނަމަ ކޮންޓްރޯލު ނުވެ، 2000 އެއްހާ މީހުން މަރުވެދާނެ ކަމަށް ވެސް ކަމާބެހޭ އިދާރާތަކުން ލަފާކޮށްފައިވާ ހިސާބުތަކަށް ރިއާޔަތްކޮށް ޑރ. ޝީނާ ލަފާކުރިއެވެ.

ރާއްޖޭގައި ކޮވިޑް 19 ޖެހިފައިވާ މީހުންގެ އަދަދު 618 އަށް އަރާފައިވާއިރު އެބަލީގައި މަރުވެފައިވަނީ 2 މީހެކެވެ. އެއީ 83 އަހަރުގެ އަންހެނަކާއި 33 އަހަރުގެ ބަންގުލަދޭޝް މީހެކެވެ. އަދި ކޮވިޑް ޖެހި ހާލު ސީރިއަސްވެގެން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ ފަސް މީހަކަށެވެ. އޭގެ ތެރެއިން ދެ މީހަކަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ.