މަސްވެރީންނަށް މަސްމާރުކޭޓު ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ނިންމައިފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19ގެ ހާލަތާ ގުޅޭ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައި ހުންނަ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ލޮކްޑައުންއާ ގުޅިގެން މަސްމާރުކޭޓް ބޭނުން ނުކުރެވި މަސްވެރިންނަށް އުދަނގޫތަކެއް ވަމުން އަންނަ ކަމަށެވެ.
އެގޮތުން މަސްމާރުކޭޓް މަސްވެރިންނަށް ބޭނުންކުރެވޭނެ ގޮތް ހަދައިދިނުމަށް މާލޭ ސިޓީ ކައުންސިލުން އުސޫލުތަކެއް ކަނޑައަޅައި، އިންތިޒާމުތަކެއް ރާވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ، ސޫލުތައް ސިޓީ ކައުންސިލުން ޝާއިއު ކުރައްވާނެއެވެ. އަދި މަސައްކަތް ކުރަމުން އަންނަނީ ފިހާރަތަކަށާއި ގޭގެއަށް މަސްމާރުކޭޓުން މަސް ޑެލިވަރީ ކޮށްދެވޭނެ ގޮތަށް އިންތިޒާމްތަކެއް ހަމަޖެއްސުމަށް ކަމަށް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މާލެ ސަރަހައްދުގައި ހުންނަ ފިހާރަތަކަށް އެސްޓީއޯ އިން މިހާތަނަށް 6،800 ބަސްތާ ހަނޑޫ، 3،600 ބަސްތާ ފުށް އަދި 3،200 ބަސްތާ ހަކުރު ޑެލިވަރީ ކޮށްދީފައިވާ ކަމަށެވެ.
އޭގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކަށް ދަތުރުކުރާ ބޯޓުތަކަށް 18،000 ބަސްތާ ހަނޑޫ، 11،000 ބަސްތާ ފުށް އަދި 10،000 ބަސްތާ ހަކުރު ގެންގޮސްދީފައިވާ ކަމަށާއި އެތަކެތި ހިފައިގެން މިއަދު މާލެއިން 50 ބޯޓެއް ފުރާފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ.