ހެރެތެރެ ރިސޯޓު ކަރަންޓީނު ފެސިލިޓީން ފަސް މީހަކު ފިލައިފިއެވެ.
ފުލުހުން ބުނީ ހެރެތެރެ ކަރަންޓީނު ފެސިލިޓީގައި ތިބި މީހުންގެ ތެރެއިން ދިވެހި ފަސް ފިރިހެނަކު ފިލާފައިވާ މައްސަލައެއް މިއަދު އިރުއޮއްސުނު ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ ފެސިލިޓީން ފިލި ފަސް މީހުންގެ ތެރެއިން އެކަކު ހޯދާފައިވާ ކަމަށާއި އަނެއް ހަތަރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ކޮވިޑް 19އާ ގުޅިގެން ކަރަންޓީނުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމުމުން ބައެއް މީހުން ދަނީ ކަރަންޓީނަށް ދާން ދެކޮޅު ހަދަމުންނެވެ. ނަމަވެސް ކަރަންޓީނަށް ދާން ދެކޮޅު ހެދުމުން އެމީހުންގެ މައްސަލަ ކޯޓަށް ހުށަހަޅައި، ކޯޓު އަމުރުން އެމީހުން ކަރަންޓީނު ކުރެއެވެ.
ދާދި ފަހުން ކަރަންޓީނު ފެސިލިޓީއަކުން ބިދޭސީއަކު ފިލައިގެން ދާ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. ނަމަވެސް ކަރަންޓީނު ފެސިލިޓީއަކުން ބިދޭސީއަކު ފިލިކަން އެނގިފައިނުވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އިން ވަނީ ބުނެފައެވެ.
އެކަމާ ގުޅޭގޮތުން ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު މީގެ ކުރިން ވިދާޅުވީ ކަރަންޓީން ކުރާ އެއްވެސް ފެސިލިޓީއަކުން މީހުންނަށް ފިލުމުގެ ފުރުސަތެއް ނޯންނާނެ ކަމަށާއި ކަރަންޓީން ފެސިލިޓީތަކުގެ ސެކިއުރިޓީ ފުލުހުންނާއި ސިފައިން ބަލަހައްޓަމުން އަންނަ ކަމަށެވެ. އަދި އެތަންތަނަކީ މީހުން ދިރިއުޅޭ ހިސާބުތަކުގައި ހުންނަ ތަންތަން ކަމަށް ނުވާތީ އެފަދަ ކަމެއް ކުރުމުގެ ފުރުސަތެއް ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.