އައިޖީއެމްއެޗަށް ގެންދިޔަ މާބަނޑު މީހަކު ކޮވިޑް 19އަށް ޕޮޒިޓިވްވެއްޖެއެވެ.
"ވަން"އަށް އެނގިފައިވާ ގޮތުގައި އެމީހާއަކީ މިއަދު ޕޮޒިޓިވްވި 44 މީހުންގެ ތެރޭގައި ހިމެނޭ އަންހެނެކެވެ.
މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިއީ ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި ތިންވަނަ މާބަނޑު މީހާއެވެ. މީގެ ކުރިން މާލެއިންނާއި ށ. ނަރުދޫން ވެސް މާބަނޑު މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި އައިޖީއެމްއެޗުން ވެސް މީގެ ކުރިން ބުނެފައިވާ ގޮތުގައި އެ ހޮސްޕިޓަލުގައި އެޑްމިޓްކުރާ މީހުން ފުރަތަމަ ވެސް ކޮވިޑަށް ޓެސްޓްކުރާނެއެވެ. ނަމަވެސް އެމީހާ ކޮވިޑަށް ޓެސްޓު ކުރީ އަލާމާތްތައް ފެނިގެންކަން ނުވަތަ ނޫންކަން ރަސްމީ އެއްވެސް އިދާރާއަކުން އަދި ބުނެފައެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި މިއަދު ޕޮޒިޓިވްވި މާބަނޑު މީހާ މިހާރު ވަނީ ކޮވިޑަށް ފަރުވާކުރުމަށް ހާއްސަކޮށްފައިވާ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.
މިހާތަނަށް ރާއްޖެއިން 600 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، 20 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ދެ މީހަކު ވަނީ މަރުވެފައެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.