ކުއްލި ޚަބަރު

އިންޑިއާގެ ނުވަ ސިޓީއެއްގައި ތިބި 200 ދިވެއްސަކު އަންނަ ހަފްތާގައި ރާއްޖެ ގެންނަނީ

އިންޑިއާގެ ނުވަ ސިޓީއެއްގައި ތިބި 200 ދިވެހިން އަންނަ ހަފްތާގައި ރާއްޖެ ގެންނަން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

މޯލްޑިވިއަންގެ ޗާޓަރު ފްލައިޓެއްގައި ރާއްޖެ ގެންނަން ނިންމާފައިވަނީ ޕަންޖާބް، ކަލްކަތާ، ގުރްގުއާން، ރިޝިކޭޝް، ދިއްލީ، ވެއްލޫރު، ޗެންނާނީ، ޓްރިވެންޑްރަމް އަދި ކޮޗިންގައި ތިބި ދިވެހިންނެވެ. އެ ފްލައިޓް ދަތުރުކުރާނީ މާލެއިން ދިއްލީއަށާއި ޓްރިވެންޑްރަމަށް ޖެއްސުމަށްފަހު އެނބުރި މާލެ އަންނަ ގޮތަށެވެ.

ފޮރިން މިނިސްޓްރީން ބުނީ، މި ފްލައިޓުން ދަތުރުކުރާ މީހުން ރާއްޖެ އަންނާނީ ޓިކެޓް ގަނެގެންނެވެ. އަދި ޓިކެޓިންގެ މަސައްކަތް ކުރިއަށްގެންދާނީ މޯލްޑިވިއަނުން ކަމަށެވެ. އަދި ފްލައިޓް ޖައްސާ ދެ ސިޓީ ނޫން އެހެން ސިޓީތަކުގައި ތިބި ދިވެހިން، ފްލައިޓް ޖައްސައި ސިޓީތަކަށް ގެންދިއުމުގައި ދިއްލީގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުންނާއި ޓްރިވެންޑުރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓް ޖެނެރަލުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ، މި ފްލައިޓްގައި ބޭސްފަރުވާއަށް އިންޑިއާއަށް ގޮސް ފްލައިޓް ކެންސަލްވި ފަރާތްތަކާއި ބޮޑެތި ބަލިތަކަށް ފަރުވާކުރުމަށް އިންޑިއާއަށް ދަތުރުކޮށް، ލޮކްޑައުންގެ ސަބަބުން ފަރުވާ ހުއްޓިފައިވާ ފަރާތްތަކާއި ރިޕަޓްރިއޭޝަން ފްލައިޓްތަކުގައި އައުމަށް އެއާޕޯޓްތަކަށް ދިއުމަށް ދަތި ދުރު ހިސާބުތަކުގައި ތިބި ދިވެހިންނާއި ކުރު މުއްދަތުގެ ވިސާގައި އިންޑިއާގައި ތިބި ދިވެހިން އަންނާނެ ކަމަށެވެ.

މި ފްލައިޓްގައި އަންނަ އެންމެން ވެސް 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރާނެއެވެ.