ދުނިޔެ

ކޮވިޑާ ދެކޮޅަށް މަސައްކަތްކުރާ އެމެރިކާގެ ސިއްހީ ހިދުމަތްތެރިންގެ ސްޓޫޑަންޓް ލޯނުތައް މާފުކޮށްދޭން ބިލެއް

މުހައްމަދު އައުޒަމް

ކޮވިޑް 19 އާ ދެކޮޅަށް މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންގެ ތެރެއިން ސްޓޫޑަންޓް ލޯނު ނަގާފައިވާ މީހުންގެ ލޯނުތައް މާފުކޮށްދޭން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އަށް ހުށަހަޅައިފިއެވެ.

ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގައި ނިއު ޔޯކް ތަމްސީލު ކުރައްވާ ކެރޮލީން މެލޯނީ އިއްޔެ ހުށަހެޅުއްވި އެ ބިލުގައި ބުނެފައިވާ ގޮތުން، ކޮވިޑް 19 އާ ދެކޮޅަށް މަސައްކަތްކުރާ ހެލްތުކެއާ ވޯކަރުންނަށް އެމީހުން ނަގާފައިވާ ސްޓޫޑަންޓް ލޯނު މައާފުކޮށްދިނުމަށް އެދެވޭނެއެވެ.

މި ލޯނަށް ނަރުހުންނާއި ޑޮކްޓަރުންގެ އިތުރުން ސިއްހީ ދިރާސާވެރިންނާއި ލެބުގައި މަސައްކަތްކުރާ މީހުންނާއި އަދި ކޮވިޑް 19 ކާރިސާގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ސިއްހީ ތަޖުރިބާކާރުންނަށް އެދެވޭނެއެވެ.

ކެރޮލީން މެލޯނީ ވިދާޅުވި ގޮތުގައި އެ ބިލުގެ މަގުސަދަކީ ކޮވިޑް 19އާ ދެކޮޅަށް ކުރީ ސަފުގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިން އެމީހުން ދައްކަންޖެހޭ ސްޓޫޑަން ލޯނުގެ ބުރަ ކުޑަކޮށްދީ، ކޮވިޑް 19އާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގައި ހާއްސަ ބަލިތަކުގެ ސްޕެޝަލިސްޓުންގެ ތަޖުރިބާ ހިއްސާކުރުމުގެ ފުރުސަތު ހުޅުވާލުން ކަމަށެވެ.

"ފްރަންޓްލައިން ހެލްތު ވޯކަރުން އެ ގެންދަނީ އެމީހުންގެ ވަޒީފާއަށްޓަކައި އަމިއްލަ ރައްކާތެރިކަމަށްވުރެ އެންމެ ބަލި މީހުންނަށް ބޭނުންވާ ރައްކާތެރިކަމާއި އަޅާލުން ދެމުން،" ކެރޮލޯން މެލޯނީ ވިދާޅުވެފައިވެއެވެ.

އޭނާގެ ބިލު މިހާރު ވަނީ ތިން ކޮމެޓީއަކަށް ފޮނުވައިފައެވެ. އަދި އެ ބިލު ސެނަޓަށް ފޮނުވުމަށް ކޮމިޓީން ފާސްވެ، ތިރިގޭގެ އަގުލަބިއްޔަތު ވެސް ލިބެންޖެހޭނެއެވެ. އަދި ސެނެޓުން އެ ބިލު ފާސްކުރުމަށް ތިންބައިކުޅަ ދެބައި ވޯޓު ބޭނުންވާނެއެވެ. އެއަށްފަހު އެ ބިލަށް އަމަލުކުރަން ފަށާނީ ރައީސް ޑޮނަލްޑް ޓްރަމްޕް ތަސްދީގު ކުރައްވުމުންނެވެ.

އެމެރިކާގެ ޕާސަނަލް ފައިނޭންސް ކުންފުންޏެއް ކަމަށްވާ ނާޑްވޮލެޓުން ބުނާ ގޮތުން، މެޑިކަލް ސްކޫލް ގުރެޖުއޭޓަކު ސުކޫލް ނިންމާއިރު އެވްރެޖްކޮށް ދެ ލައްކަ ޑޮލަރުގެ ލޯނެއް އޮވެއެވެ. އަދި ބެޗްލާސް އޮފް ނާސިން ހަދާ ދަރިވަރަކު އެވްރެޖްކޮށް 24000 އެމެރިކާ ޑޮލަރު ސްޓޫޑެންޓް ލޯނުގެ ގޮތުގައި ދައްކަންޖެހެއެވެ.

ކޮރޯނާވައިރަހަކީ ފަސޭހައިން ފެތުރެމުން އަންނަ ބައްޔަކަށްވާއިރު އެބަލީގެ އެންމެ ނުރައްކާ އޮތް އެއް ބަޔަކީ ހެލްތު ވޯކަރުންނެވެ. އެގޮތުން އެސޯސިއޭޓެޑް ޕްރެސް އިން މިދިޔަ މަހު ރިޕޯޓްކޮށްފައިވާ ގޮތުން އެމެރިކާގެ ކޮރޯނާވައިރަސް ކޭސްތަކުގެ 10 އަދި 20 ޕަސެންޓަކީ ހެލްތުކެއާ ވޯކަރުންނެވެ.