ކޮވިޑް 19

ވިއެޓްނާމްގައި ލޮކްޑައުން އުވާލައި ސްކޫލްތައް ހުޅުވާލައިފި

މުހައްމަދު އައުޒަމް

ވިއެޓްނާމްގައި ލޮކްޑައުން އުވާލައި ސްކޫލްތައް ހުޅުވާލައިފިއެވެ.

ކޮވިޑާ ދެކޮޅަށް ކުރަމުން އައި ހަނގުރާމަ ކާމިޔާބުކޮށް އަޅާފައިވާ ފިޔަވަޅުތައް އުވާލައި ވިއެޓްނާމުގެ ސްކޫލްތައް ހުޅުވާލާފައިމިވަނީ ކޮވިޑްގެ އެއްވެސް ކޭސް އެއް ނުފެނި 17 ދުވަސް ވީފަހުންނެވެ.

ވިއެޓްނާމްގައި ކޮވިޑް ފެތުރުން ހުއްޓުވުމަށް ސްކޫލްތައް ބަންދުކުރުމަށްފަހު ތިންމަސް ފަހުން ހުޅުވާފައި ވީނަމަވެސް ސަރުކާރުން ވަނީ ދަރިވަރުންގެ ރައްކާތެރިކަމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ.

ސްކޫލަށް ކުދިން ވަދެ ކްލާސްތަކަށް ވަނުމުގެކުރިން ސޯޝަލް ޑިސްޓެންސްގައި ތިބެ އެކުދިންގެ ގައިގައި ހުން ހުރިތޯ ބަލައެވެ. އަދި ކޮންމެ ކުއްޖަކުވެސް ސްކޫލްތެރޭގައި އުޅޭއިރު މާސްކު އެޅުމަށް ވަނީ މަޖުބޫރު ކޮށްފައެވެ.

ވިއެޓްނާމްގައި ސްކޫލްތަކާއި ޔުނިވާސިޓީތަކުގައި 22 މިލިއަނަށްވުރެން ގިނަ ކުދިން ތައުލީމު ހާސިލް ކުރަމުން ދެއެވެ.

ކޮވިޑް-19 ގެ ނުރައްކާ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަށް ފޯރާފައިވާއިރު ވިއެޓްނާމުގައި ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ 271 މީހުންނެވެ. މިހާތަނަށް ކޮވިޑާ ގުޅޭއެއްވެސް މަރެއް އެގައުމުގައި ރެކޯޑުކުރެވިފައި ނުވާއިރު އެގައުމުން ކޮވިޑްގެ އެއްވެސް ކޭސް އެއް ނުފެންނަތާ 17 ދުވަސް ވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.