ކުއްލި ޚަބަރު

ރަށަށް ފޮނުވުމުގައި ފުރަތަމަ ބަލާނީ އޭޕްރިލްގެ ފަހުން މާލެ އައިސް އެނބުރި ރަށަށް ނުދެވި ތިބި މީހުންނަށް: ޖެންޑާ

މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަތަށް ގެނައުމާ ގުޅިގެން އެކިއެކި ބޭނުންތަކަށް މާލެ އައިސް އެނބުރި ރަށަށް ނުދެވިފައި ތިބި ފަރާތްތައް ރަށަށް ފޮނުވުމުގައި ފުރަތަމަ ބަލާނީ އޭޕްރިލްގެ ފަހުން މާލެ އައިސް އެނބުރި ރަށަށް ނުދެވި ތިބި މީހުންނަށް ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ލޮކްޑައުންއާ ގުޅިގެން މާލޭގައި ތާށިވެފައި ތިބި ރަށްރަށުގެ މީހުން ރަށަށް ފޮނުވުމުގައި އަމަލުކުރާނެ އުސޫލެއް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވެސް ވަނީ މިދިޔަ ހޮނިހިރު ދުވަހު ގެޒެޓުކޮށްފައެވެ. އެ އުސޫލު މިހާރު ވަނީ ގެޒެޓުން ނަގައިފައެވެ.

ނަމަވެސް ޖެންޑާ މިނިސްޓްރީން ވަނީ މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަތަށް ގެނައުމާ ގުޅިގެން އެކިއެކި ބޭނުންތަކަށް މާލެ އައިސް އެނބުރި ރަށަށް ނުދެވި ތިބި ފަރާތްތައް އަނބުރާ ރަށަށް ފޮނުވުމުގައި އިސްކަންދޭނެ ތަރުތީބެއް އާންމުކޮށްފައެވެ.

އެއާއެކު ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ލޮކްޑައުންއާ ގުޅިގެން އެކިއެކި ބޭނުންތަކަށް މާލެ އައިސް އެނބުރި ރަށަށް ނުދެވިފައި ތިބި މީހުން ރަށަށް ފޮނުވުމުގައި އަމަލުކުރާނެ ގޮތް ކަނޑައަޅައި އެމީހުންނަށް ރަށަށް ފުރޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ ކަމަށެވެ.

އެގޮތުން އެކަމަށްޓަކައި ލޮކްޑައުން ކޮމިޓީއެއް އުފައްދައި، އެފަދަ މީހުން ރަށަށް ފޮނުވުމުގައި އަމަލުކުރާނެ ގޮތްތަކުގެ މިންގަނޑު (އެސްއޯޕީ)އެއް ކަނޑައަޅާފައިވާނެ ކަމަށާއި އެ އެސްއޯޕީގެ ތިން ވަނަ ނުކުތާގައި އެފަދަ މީހުން ރަށަށް ފޮނުވުމުގައި އިސްކަންދޭނެ ތަރުތީބެއް ކަނޑައަޅާފައިވާ ކަމަށެވެ.

ނަމަވެސް އެ ތަރުތީބުގެ ދަށުން ރަށަށް ފޮނުވުމުގައި އެންމެ ފުރަތަމަ ބެލެވޭނީ މިދިޔަ މަހުގެ އެކެއް ނުވަތަ އޭގެ ފަހުން އެކިއެކި ބޭނުންތަކަށް މާލެ އައިސް އެނބުރި ރަށަށް ނުދެތި ތިބި މީހުންނަށް ކަމަށް ޖެންޑާ މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ރަށަށް ފޮނުވުމުގައި އިސްކަންދޭ ތަރުތީބު:

  • (1)
  • (ހ) އާސަންދަ ނުވަތަ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޮތޯރިޓީ (އެންސްޕާ)ގެ އެހީތެރިކަމާއެކު ބޭސްފަރުވާއަށް މަލެ އައިސް އެނބުރި ރަށަށް ނުފުރިފައިވާ ފަރާތްތައް.
  • (ށ) އުމުރުން ފަސް އަހަރުން ދަށުގެ ކުދިންނާއެކު ބޭސް ފަރުވާއަށް މާލެ އައިސްފައިވާ ފަރާތްތައް އަދި ވިހެއުމަށް މާލެ އައިސްފައިވާ އަންހެނުންނާއި، އެފަރާތްތަކުގެ އާއިލާގެ މީހުން.
  • (ނ) ބޭސް ފަރުވާއަށް މާލެ އައިސްފައިވާ އުމުރުން 65 އަހަރުގެ ބަލިމީހުންނާއި އެމީހުން ބަލަހައްޓާ ފަރާތްތައް.
  • (ރ) ބޭސް ފަރުވާއަށް މާލެ އައިސްފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެފަރާތްތަކުގެ އެހީތެރިންނާއި ނަފްސާނީ ބައްޔަށް ފަރުވާކުރަމުން އަންނަ ފަރާތްތަކުގެ ތެރެއިން ވަގުތީ ގޮތުން މާލެ އައިސް އަނބުރާ ދިރިއުޅޭ ރަށަށް ނުދެވިފައިވާ ފަރާތްތައް
  • (ބ) ބޭސް ފަރުވާއަށް ނުވަތަ އެހެނިހެން ބޭނުންތަކަށް މާލެ އައިސްފައިވާ ދާއިމީ ބައްޔަކަށް ބޭސް ފަރުވާ ކުރަމުން އަންނަ ފަރާތްތަކާއި އެފަރާތްތަކުގެ އެހީތެރިން.
  • (2)
  • (ހ) ރަށަށް އެނބުރި ދިއުމަށްޓަކައި މިދިޔަ މަހުގެ 15 އާއި މިދިޔަ މަހުގެ 20އާ ދެމެދުގެ މުއްދަތުގައި ޓިކެޓު ނަގާފައިވާ ފަރާތްތައް.
  • (ށ) ރާއްޖޭން ބޭރުން މާލެއަށް ގެނެސްފައިވާ ފަރާތްތަކުގެ ތެރެއިން 14 ދުވަހުގެ މުއްދަތުގެ ކަރަންޓީން ފުރިހަމަކޮށް އެނބުރި ރަށަށް ނުފުރިފައިވާ ކިޔަވާ ކުދިންނާއި އެ ކުދިންގެ އާއިލާތައް.
  • (ނ) ވަޒީފާ އަދާކުރަމުންގެން އަންނަ ރިސޯޓު ފުރަ ބަންދު ކުރުމުން ނުވަތަ ރިސޯޓު ވަގުތީ ގޮތުން ބަންދު ކުރުމާ ގުޅިގެން ރަށަށް ދިއުމަށްޓަކައި މާލެ އައިސްފައިވާ ފަރާތްތައް.
  • (3)
  • (ހ) ޖަލު ހުކުމް ތަންފީޒުކުރުމަށްފަހު މާލެ އައިސްފައިވާ ފަރާތްތަކުގެ ތެރެއިން އެނބުރި ރަށަށް ނުފުރި ހާލުގައި ޖެހިފައިވާ ފަރާތްތައް.
  • (ށ) އެހެނިހެން ބޭނުންތަކާއި ގުޅިގެން ރަށަށް ދާން ބޭނުންވާ ފަރާތްތައް (މިސާލަކަށް ވަޒީފާ ގެއްލުމާ ގުޅިގެން، އާމުދަނީ ހޯދުމަށް ކުރަމުން ދިޔަ މަސައްކަތް ހުއްޓުމުން)
  • (ނ) ދަރިން/ ބެލެނިވެރިކަން ހަވާލުވެފައިވާ ކުދިން، މުސްކުޅި މައިންބަފައިން އަދި ނުކުޅެދުންތެރިކަން ހުންނަ އާއިލާގެ މެންބަރުން އެކަނި ނުވަތަ ވަގުތީ ގޮތުން އެހެން ބަޔަކާ ބެލުން ހަވާލުކޮށްފައިވާ ފަރާތްތައް.
  • (ރ) އަމިއްލަ ބޭނުންތަކަށް މާލެ އައިސްފައިވާ އެކަނި ދިރިއުޅެމުންދާ އަންހެނުންނާއި، އުމުރުން ދުވަސްވީ ފަރާތްތައް.
  • (ބ) ކޮވިޑް 19އާ ގުޅިގެން ކުރިމަތިވެފައިވާ މާލީ އަދި އިޖުތިމާއީ ގޮންޖެހުންތަކުގެ ސަބަބުން މާލޭގައި ދިރިއުޅެވެން ނެތި، އެހެން ރަށަކަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތައް.
  • (ޅ) އާމްދަނީ ހޯދޭނޭ ދޮރުތައް މާލެއިން ބަންދުވެ، ރާއްޖޭގެ އެހެން ރަށަކުން ހޯދޭނޭ މަގުފަހިވެ، ދިރިއުޅުން އެފަދަ ފުރުސަތު އޮތް އެހެން ރަށެއްގައި އާބާދުކުރަން އެދޭ ފަރާތްތައް.
  • (ކ) އަމިއްލަ ބޭނުންތަކުގައި މާލެ އައިސްފައިވާ އެހެނިހެން ފަރާތްތައް.

ޖެންޑާ މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، މި އިސްކަންދޭ ތަރުތީބުގައި ހިމެނޭ މީހުން ރަށަށް ދިއުމަށްޓަކައި އެ މިނިސްޓްރީއަށް ނުވަތަ އެމީހަކު ނިސްބަތްވާ ރަށު/ސިޓީ ކައުންސިލުގެ އިދާރާއަށް މިހާތަނަށް ރިޕޯޓްކޮށްފައިނުވާ ފަރާތްތަކުން 1421 އަށް ނުވަތަ [email protected] ނުވަތަ އެރަށެއްގެ ކައުންސިލަށް ރިޕޯޓްކުރުމަށް އެދޭ ކަމަށެވެ.

ނަމަވެސް ޖެންޑާ މިނިސްޓްރީއަށް ރިޕޯޓްކުރާ މީހުންގެ ތަރުތީބު ކަނޑައަޅާނީ މިނިސްޓްރީން ކަމަށާއި އަދި ކައުންސިލްތަކަށް ރިޕޯޓް ކުރާ މީހުންގެ ތެރެއިން ތަރުތީބުކޮށް ރަށަށް ފޮނުވާނެ މީހުންގެ ލިސްޓު ކަނޑައަޅާނީ އެރަށެއްގެ ކައުންސިލާއި ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަމަށް ބުނެފައިވެއެވެ.

ޖެންޑާ މިނިސްޓްރީން އިތުރަށް ބުނީ، ރަށްރަށަށް ދިއުމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިސްކަންދޭ މީހުންނަށް ސަރުކާރުން އަންގާގޮތެއްގެ މަތިން 14 ދުވަހުގެ މުއްދަތުގެ ކަރަންޓީން ފުރިހަމަ ކުރަންޖެހޭނެ ކަމަށާއި ކަރަންޓީން ކުރުމަށް ކަނޑައެޅިފައިވަނީ ސަރުކާރުން އެކަމަށް ހަމަޖައްސާފައި ހުންނަ ފެސިލިޓީތަކުގައި ކަމަށެވެ.