އަލީ ޔާމިން
އިންޑިއާ މަނަވަރުން ގެންދާ މީހުންގެ ލިސްޓު އަދި ނުލިބޭ ކަމަށާއި ޑޮކްޓަރުންނާއި ނަރުހުން ނުގެންދަން އެދޭނެ ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމްޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ރާއްޖޭގައި ތިބި އިންޑިއާގެ މީހުން އެނބުރި އެގައުމަށް ގެންދިއުމަށް ރާއްޖެ އަންނަ މަނަވަރުތަކުގައި އެގައުމުގެ 700 މީހަކު ގެންދިއުމަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެ މަނަވަރުތަކުން ގެންދާ މީހުންގެ ތެރޭގައި ރާއްޖޭގައި ތިބި އެގައުމުގެ ޑޮކްޓަރުންނާއި ނަރުހުން ނުގެންދަން އެދިފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"700 މީހަކު ގެންދިއުމަށް މަނަވަރު އަންނަނީ. ދެން އެ ލިސްޓުތައް ހެދުމުގެ މަސައްކަތް އެބޭފުޅުން އެބަ ކުރައްވާ އަޅުގަނޑުމެންގެ ފޮރިން މިިނިސްޓްރީއާވެސް ގުޅިގެން. އަޅުގަނޑުމެންނަކާ ހަމައަށް އޭގެ ތަފްސީލުތަކެއް އަދި ނެތް ލިބިފައެއް. އަޅުގަނޑުމެން މިހާރު ރިކުއެސްޓް ކޮށްފަ ވާނެ އަނބުރާ ދާ މީހުންގެ ތެރޭގައި ވީ ވަރަކުން ބައްލަވައިދެއްވުމަށް ޑޮކްޓަރުންނާއި ނަރުހުން ނުގޮސް މަޑުކުރެއްވުމަށް،" މަބްރޫކް ވިދާޅުވިއެވެ.
އިންޑިއާ ހައިކޮމިޝަނުން މިއަދު ކޮށްފައިވާ ޓުވީޓެއްގައި ބުނީ ރާއްޖޭގައި ތިބި އިންޑިއާ މީހުން ބަލައި އަންނަ މަނަވަރުތައް އެނބުރި އިންޑިއާއަށް ދާނީ މިމަހުގެ އަށްވަނަ ދުވަހުއެވެ. އަދި މި މަނަވަރުތައް އެނބުރި ގޮސް ބަނދަރު ކުރާނީ އިންޑިއާގެ ކޮޗިންގައި ކަމަށް ހައިކޮމިޝަނުން ވަނީ ބުނެފައެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ހޯމަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި، މުމްބާއީގެ ބަނދަރުން އައިއެންއެސް ޖާލަޝްވާ އާ، އައިއެންއެސް މާގަރު ވަނީ ރާއްޖެ އައުމަށް ދަތުރު ފަށައިފައެވެ. ކޮވިޑް 19 އާ ގުޅިގެން ގައުމުތައް ލޮކްޑައުންކޮށް، ދަތުރުފަތުރުގެ ނިޒާމު ހުއްޓުމަކަށް އައިސްފައިވާ އިރު، އެކި ގައުމުތަކުގައި ހާލުގައި ޖެހިފައިވާ އެގައުމުގެ ރައްޔިތުންނާއި ސަރަހައްދީ އަވައްޓެރި ގައުމުތަކަށް ނިސްބަތްވާ މީހުން އެއްގައުމުން އަނެއްގައުމަށް ގެންގޮސް އަދި ގެނައުމުގެ މަސައްކަތް އިންޑިއާއިން އަންނަނީ ކުރަމުންނެވެ.
އިންޑިއާ ސަރުކާރުން މިފެށި ދަތުރުތަކުގައި ރާއްޖޭގެ އިތުރުން ގައުމަށް ނާދެވި ޔޫއޭއީގައި ތިބި އިންޑިއާ ރައްޔިތުން ގައުމަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.