އަލީ ޔާމިން
ކުރިޔަށް މިއޮތް ދެހަފުތާއަށް ބަލާއިރު، މާލެއަކީ އަންނަން ރައްކާތެރި ތަނަކަށް ނުވާނެ ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަސް ތެރޭގައި މާލޭގެ ހާލަތު އިތުރަށް ގޯސްވެ އިތުރު ބަޔަކު ބައްޔަށް ޕޮޒިޓިވް ވެދާނެކަމަށް ޑޮކްޓަރުން އަންދާޒާކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިވަގުތު އެއްވެސް ބަޔަކު މާލެއަށް އައުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"ކުރިއަށް މި އޮތް ދެ ހަފްތާއަކީ ކަރަންޓީން ފެސިލިޓީތައް ވަރަށް ބޮޑަށް ބޭނުން ޖެހޭނެ. މާލޭގައި މިއޮތް ސިޗުއޭޝަނާއި ޑީލް ކުރާއިރުގައި. އަދި މާލެއަކީވެސް ކުރިއަށް މިއޮތް ދެ ހަފްތާއެއްހާ ދުވަސް ތެރޭގައި ރައްކާތެރި ތަނަކަށް ނުވާނެ އަންނާކަށް،" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ރާއްޖެއަށް ގެނައުމުގެ މަސައްކަތް މިހާރުވެސް ކުރެވެމުން އަންނަ ކަމަށާއި ނަމަވެސް މާލޭގެ ހާލަތު ހުރި ގޮތުން މި ދުވަސްވަރު އެ މަސައްކަތް ކުޑަކޮށް މަޑުޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން މިދުވަސްވަރު ދަތުރުކުރުމަކީ ކުރެވޭނެ އެންމެ ނާޒުކު އަދި ނުރައްކާތެރި ކަން ކަމުގައިވެސް ވިދާޅުވިއެވެ.
މާލޭގެ ހާލަތު ކުރިއަށް އޮތް ދެ ހަފްތާގައި އިތުރަށް ގޯސްވެދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ވިދާޅުވިއެވެ. ރައީސްގެ އެ ވިދާޅުވުމަށް ބާރުދެމުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، ހައިރިސްކް އޭރިއާތަކުން ވަރަށް ގިނަ ސާމްޕަލް އަދިވެސް ނުނެގިވާ ކަމަށާއި، އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި ޕޮޒިޓިވް ކޭސްތައް ފެންނަލެއް އިތުރުވެދާނެ ކަމަށެވެ.