ކުއްލި ޚަބަރު

ކަނބާލިފަރުގައި މަރުވި ބަންގްލަދޭޝް މީހަކު މާލެ ގެންނަނީ

ކަނބާލިފަރުގައި މަރުވި ބަންގްލަދޭޝް މީހަކު މާލެ ގެނައުމަށް ނިންމައިފިއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑާގުޅޭ މައުލޫމާތު ދިނުމަށް ކަނޑައަޅާފައި ހުންނަ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ކަނބާލިފަރު ރިސޯޓުގައި ބަންގުލަދޭޝް މީހަކު މަރުވެފައި އޮއްވާ ފެނިގެން، އޭނާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ، މިހާރު އޮންނަ އުސޫލުގެ ތެރެއިން ގޮތްނޭނގޭ މަރެއް ނަމަ، އެ މީހެއްގެ ސާމްޕަލް ނަގައި ޓެސްޓް ކުރާނެ ކަމަށެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ދިވެހިންނަށްވުރެ ބަންގުލަދޭޝް މީހުންގެ އަދަދު ގިނައެވެ. އެގޮތުން މިއަދުގެ މިހާތަނަށް ފެނުނު ކޭސްތަކާއެކު މިހާތަނަށް ބަންގުލަދޭޝްގެ 289 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އެއީ ޖުމްލަ އަދަދުގެ 50 ޕަސެންޓެވެ. ރާއްޖޭގައި ކޮވިޑް 19 އަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދަކީ 205 އެވެ.

ބަންގުލަދޭޝް މީހަކު މަރުވެގެން ކޮވިޑް 19 އަށް ޓެސްޓު ކުރަން ނިންމާފައިވާއިރު ރާއްޖޭގައި ކޮވިޑް 19 ޖެހިގެން މިއަދު ވަނީ ބަންގުލަދޭޝް މީހަކު މަރުވެފައެވެ.

ފިޓް ޖެހިގެން އުމުރުން 33 އަހަރުގެ އެމީހާ ފުރަތަމަ ގެންދިޔައީ އަސްކަރީ ހޮސްޕިޓަލް، ސެނަހިޔާއަށެވެ. ނަމަވެސް އޭނާ މަރުވީ ހާލު ސީރިއަސް ވެގެން، އިތުރު ފަރުވާއަށް ދަރުމަވަންތަ ހޮސްޕިޓަލަށް ގެންގޮސް އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ ކޮވިޑް 19 އަށް ޕޮޒިޓިވްކަން އެނގުނީ އާންމު އުސޫލުގެ ދަށުން ކޮވިޑަށް ހެދި ޓެސްޓުންނެވެ.

އެ މީހާއަކީ ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހަކަށް ވާތީ ޑަބްލިއުއެޗްއޯގެ ގައިޑްލައިންތަކަށް ބަލާއިރު، މިއީ ކޮވިޑާ ގުޅުން ހުރި މަރެއްގެ ގޮތުގައި ގުނާނެ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.