މިއަދު މަރުވި ބަންގަލޭޝް މީހާގެ 66 ކޮންޓެކްޓެއް މިހާތަނަށް ހޯދިފައިވާ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ އޭނާގެ ކޮންޓެކްޓުންގެ އަދަދު އިތުރުވުން ވެސް އެކަށީގެންވާ ކަމަށެވެ.
"އޭނާއަކީ ކަޅުތުއްކަލާކޮށީގައި މަސައްކަތްކުރާ މީހެއް. އަދި އޭނާގެ ކޮންޓެކްޓް ޓްރޭސިން އިން މިހާތަނަށް 66 މީހަކު އައިޑެންޓިފައިވެފައިވޭ. އެހެންނަމަވެސް ކޮންޓެކްޓް ޓްރޭސިން އަދި ދަނީ ކުރިއަށް. އެހެންވީމާ އިތުރު މީހުންތަކެއް ފެނުމަކީ ވެސް އެކަށީގެންވާ ކަމެއް. މި މީހާއަކީ 33 އަހަރުގެ ފިރިހެނެއް،" އޭނާ ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ ދަރުމަންތަ ހޮސްޕިޓަލުގެ ޑީއެޗް 11ގައި ހަ މީހަކު އެޑްމިޓްކުރެވިފައިވާ ކަމަށާއި އޭގެ ތެރެއިން އުމުރުން ދުވަސްވީ ދެ މީހަކަށް ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުން އަންނަ ކަމަށެވެ.
"މި ހަ މީހުންގެ ތެރެއިން ދެ މީހަކު މިހާރު ވެންޓިލާޓަރުގައި ވަނީ. މިއީ އުމުރުން 70 އަހަރުގެ ފިރިހެނަކާއި އުމުރުން 88 އަހަރުގެ ފިރިހެނެއް. މީގެ އިތުރުން 80 އަހަރުގެ ފިރިހެނެއް އޮކްސިޖަންގައި. އަދި 58 އަހަރުގެ އަންހެން މީހާ އާއި 48 އަހަރުގެ ބިދޭސީ މީހާ އާއި 80 އަހަރުގެ އަންހެން މީހާ ސްޓޭބަލް،" އޭނާ ވިދާޅުވިއެވެ.
މިއަދު މަރުވި ބިދޭސީ މީހާއާއެކު ކޮވިޑް ޖެހިގެން ރާއްޖޭން ވަނީ ދެ މީހަކު މަރުވެފައެވެ. މީގެ ކުރިން މަރުވެފައިވަނީ 83 އަހަރުގެ ދިވެހި އަންހެނެކެވެ.