ރާއްޖޭގައި ފަރުވާދެމުން އައި އިތުރު ދެމީހަކު ކޮވިޑުން ރަނގަޅުވެ، ބަލިން ރަނގަޅުވި މީހުންގެ އަދަދު 20އަށް އަރައިފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ މިހާތަނަށް 20 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.
"ޕޮޒިޓިވްވި މީހުންގެ ތެރެއިން 509 މީހުންނަކީ މިވަގުތު ބައްޔަށް ފަރުވާ ލިބެމުންދާ މީހުން. މީގެ ތެރެއިން ހަ މީހަކު ވަނީ ހޮސްޕިޓަލައިޒް ކުރެވިފައި. އަދި 20 މީހަކު ބައްޔަށް ބޭސްކުރެވި ޝިފާ ލިބިފައިވޭ،" އޭނާ ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ އެންމެ ފަހުން ބަލިން ރަނގަޅުވެފައިވަނީ ކޭސް ނަންބަރު 20 އާއި ކޭސް ނަންބަރު 20 ކަމަށެވެ. އޭގެ ތެރެއިން ކޭސް ނަންބަރު 20 އަކީ ފިލިޕީންސުން ރާއްޖެ އައި ދިވެއްސެކެވެ. އަދި ކޭސް 27 އަކީ މާލެއިން ޕޮޒިޓިވްވި މީހެކެވެ.
މިއަދު 22 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 273 އަށް އަރައިފައެވެ. އަދި ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި ބަންގުލަދޭޝް މީހަކު މިއަދު ވަނީ މަރުވެފައެވެ.
ބަންގުލަދޭޝް މީހާ މަރުވެފައިވަނީ ހާލު ސީރިއަސްވެގެން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. މިއަދު މަރުވި މީހާއަށް ކޮވިޑް ޖެހިފައިވީ ނަމަވެސް، އޭނާ މަރުވީ އެބަލީގެ ސަބަބުން ދިމާވި ކަންތައްތަކުން ކަމަށް ނުބެލެވޭ ކަމަށް އޭނާއަށް ފަރުވާދިން، އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ޓީމުން ވަނީ ބުނެފައެވެ.
އެ ޕޭޝަންޓަށް ފަރުވާދިނުމުގައި އުޅުއްވި، އައިޖީއެމްއެޗްގެ ޑޮކްޓަރު މުހައްމަދު ފައިޝަން ވިދާޅުވީ އުމުރުން 33 އަހަރުގެ ބަންގްލަދޭޝްގެ އެ މީހާ މަރުވީ، ސިކުނޑިއަށް ލޭ އެޅިގެން ކަމަށާއި އޭނާއަށް ފިޓް ޖެހުނީވެސް އެކަމުގެ ސަބަބުން މެދުވެރިވި ކަންތައްތަކެއްގައި ކަމަށް ބެލެވޭ ކަމަށެވެ.
ޑރ. ފައިޝަން ވިދާޅުވީ ކޮވިޑާ ގުޅިގެން ބައެއް ހާލަތްތަކުގައި ސިކުނޑިއަށް ނުވަތަ ސިކުނޑީގެ ލޭ ހޮޅިތަކަށް އަސަރުކޮށްފައި އެބަހުރި ކަމަށާއި ނަމަވެސް ގިނަ ފަހަރަށް އެހެން ދިމާވަނީ ލޭ ހޮޅިއެއް ބެދިގެން ކަމަށެވެ.
ފިޓް ޖެހިގެން އުމުރުން 33 އަހަރުގެ އެމީހާ ފުރަތަމަ ގެންދިޔައީ އަސްކަރީ ހޮސްޕިޓަލް، ސެނަހިޔާއަށެވެ. ނަމަވެސް އޭނާ މަރުވީ ހާލު ސީރިއަސް ވެގެން، އިތުރު ފަރުވާއަށް ދަރުމަވަންތަ ހޮސްޕިޓަލަށް ގެންގޮސް އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ ކޮވިޑް 19 އަށް ޕޮޒިޓިވްކަން އެނގުނީ އާންމު އުސޫލުގެ ދަށުން ކޮވިޑަށް ހެދި ޓެސްޓުންނެވެ.
އެ މީހާއަކީ ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހަކަށް ވާތީ ޑަބްލިއުއެޗްއޯގެ ގައިޑްލައިންތަކަށް ބަލާއިރު، މިއީ ކޮވިޑާ ގުޅުން ހުރި މަރެއްގެ ގޮތުގައި ގުނާނެ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.
ކޮވިޑަށް ޕޮޒިޓިވްވި އުމުރުން 83 އަހަރުގެ ދިވެހި އަންހެނަކު ވެސް މީގެ ކުރިން ވަނީ މަރުވެފައެވެ. އެމީހާއަކީ ރާއްޖެއިން ކޮވިޑު ޖެހިގެން މަރުވި ފުރަތަމަ މީހާއެވެ.