ކުއްލި ޚަބަރު

އިތުރު 16 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 573 އަށް

އިތުރު 16 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑް 19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 573 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ކުރި ޓުވީޓެއްގައި ބުނީ ޕޮޒިޓިވްވި 16 މީހުންގެ ތެރޭގައި ހިމެނެނީ ނުވަ ދިވެއްސަކާއި ބަންގުލަދޭޝް ހަ މީހަކާއި ސްރީލަންކާގެ މީހެއް ކަމަށެވެ.

އިތުރު ހަ މީހަކު ޕޮޒިޓިވްވުމާއެކު މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 22 އަށް އަރައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 14 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތް މީހަކާއި ސްރީލަންކާގެ މީހެކެވެ.

ކޮވިޑަށް ޕޮޒިޓިވްވި ބަންގުލަދޭޝްގެ މީހަކު މިއަދު ވަނީ މަރުވެފައެވެ. އޭނާ މަރުވެފައިވަނީ ހާލު ސީރިއަސްވެގެން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. މިއަދު މަރުވި މީހާއަށް ކޮވިޑް ޖެހިފައިވީ ނަމަވެސް، އޭނާ މަރުވީ އެބަލީގެ ސަބަބުން ދިމާވި ކަންތައްތަކުން ކަމަށް ނުބެލެވޭ ކަމަށް އޭނާއަށް ފަރުވާދިން، އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ޓީމުން ވަނީ ބުނެފައެވެ.

އެ ޕޭޝަންޓަށް ފަރުވާދިނުމުގައި އުޅުއްވި، އައިޖީއެމްއެޗްގެ ޑޮކްޓަރު މުހައްމަދު ފައިޝަން ވިދާޅުވީ އުމުރުން 33 އަހަރުގެ ބަންގްލަދޭޝްގެ އެ މީހާ މަރުވީ، ސިކުނޑިއަށް ލޭ އެޅިގެން ކަމަށާއި އޭނާއަށް ފިޓް ޖެހުނީވެސް އެކަމުގެ ސަބަބުން މެދުވެރިވި ކަންތައްތަކެއްގައި ކަމަށް ބެލެވޭ ކަމަށެވެ.

ޑރ. ފައިޝަން ވިދާޅުވީ ކޮވިޑާ ގުޅިގެން ބައެއް ހާލަތްތަކުގައި ސިކުނޑިއަށް ނުވަތަ ސިކުނޑީގެ ލޭ ހޮޅިތަކަށް އަސަރުކޮށްފައި އެބަހުރި ކަމަށާއި ނަމަވެސް ގިނަ ފަހަރަށް އެހެން ދިމާވަނީ ލޭ ހޮޅިއެއް ބެދިގެން ކަމަށެވެ.

ފިޓް ޖެހިގެން އުމުރުން 33 އަހަރުގެ އެމީހާ ފުރަތަމަ ގެންދިޔައީ އަސްކަރީ ހޮސްޕިޓަލް، ސެނަހިޔާއަށެވެ. ނަމަވެސް އޭނާ މަރުވީ ހާލު ސީރިއަސް ވެގެން، އިތުރު ފަރުވާއަށް ދަރުމަވަންތަ ހޮސްޕިޓަލަށް ގެންގޮސް އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ ކޮވިޑް 19 އަށް ޕޮޒިޓިވްކަން އެނގުނީ އާންމު އުސޫލުގެ ދަށުން ކޮވިޑަށް ހެދި ޓެސްޓުންނެވެ.

އެ މީހާއަކީ ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހަކަށް ވާތީ ޑަބްލިއުއެޗްއޯގެ ގައިޑްލައިންތަކަށް ބަލާއިރު، މިއީ ކޮވިޑާ ގުޅުން ހުރި މަރެއްގެ ގޮތުގައި ގުނާނެ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

ކޮވިޑަށް ޕޮޒިޓިވްވި އުމުރުން 83 އަހަރުގެ ދިވެހި އަންހެނަކު ވެސް މީގެ ކުރިން ވަނީ މަރުވެފައެވެ. އެމީހާއަކީ ރާއްޖެއިން ކޮވިޑު ޖެހިގެން މަރުވި ފުރަތަމަ މީހާއެވެ.