ކުއްލި ޚަބަރު

މަޑިފުށީގައި ރުކަކުން ވެއްޓި މީހަކު މަރުވެއްޖެ

ތ. މަޑިފުށީގައި ރުކަކުން ވެއްޓި މީހަކު މަރުވެއްޖެއެވެ.

މަޑިފުށީ ކައުންސިލްގެ ނައިބު ރައީސް އައްބާސް އަހުމަދު "ވަން" އަށް ވިދާޅުވީ، މިއަދު މެންދުރު ހިނގި އެ ހާދިސާގައި މަރުވެފައިވަނީ އުމުރުން ގާތްގަނޑަކަށް 35 އަހަރުގެ މީހެއް ކަމަށެވެ. ރުކަށް އަރައި އުޅޭ އެމީހާ ވެއްޓުނީ ރަށު ބަނދަރު ސަރަހައްދުގައި ހުންނަ 50 ފޫޓު ދިގު ރުކެއްގެ އެންމެ ކޮޅަށް އަރައި ހުއްޓައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަޑިފުށި ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވީ، އެ ހާދިސާގައި އެމީހާގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް، ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށެވެ. އަދި އޭނާގެ ވާތު އަތް ވެސް ބިންދައިގެން ގޮސްފައިވާ ކަމަށާއި މަރުވީ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް ވެސް ވެސް އޮފިޝަލު ވިދާޅުވިއެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، މިއަދު މެންދުރުފަހު 2:00 ޖަހާކަންހާއިރު ހިނގި އެ ހާދިސާގައި މަރުވެފައިވަނީ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ބުންޏެވެ.