ކޮވިޑު ޖެހިފައި ވަނިކޮށް ރާއްޖޭގައި މަރުވި ދެވަނަ މީހާ ކަމަށްވާ ބަންގުލަދޭޝް މީހާއަށް ސްޓްރޯކް ނުޖެހުނުނަމަ ވާނީ އަލާމާތެއް ވެސް ނެތް މީހަކަށް ކަމަށް ޑރ. މުހައްމަދު ފައިޝާން ވިދާޅުވެއްޖެއެވެ.
ކޮވިޑް ޖެހިފައި ވަނިކޮށް ރާއްޖޭން މަރުވި ދެވަނަ މީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މަރުވި ބަންގުލަދޭޝް މީހެކެވެ. އުމުރުން 33 އަހަރުގެ އެމީހާ މަރުވީ ފިޓް ޖެހި، ހާލު ސީރިއަސްވެގެން ފަރުވާ ދެމުން ދަނިކޮށެވެ. ނަމަވެސް އޭނާ ކޮވިޑް 19 އަށް ޕޮޒިޓިވްކަން އެނގުނީ އާންމު އުސޫލުގެ ދަށުން ކޮވިޑަށް ހެދި ޓެސްޓަކުންނެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ފައިޝާން ވިދާޅުވީ، އޭނާ އައިޖީއެމްއެޗަށް ގެނައި އިރު ކޮވިޑާ ގުޅުންހުރި އެއްވެސް އަލާމާތެއް ފެންނަން ނެތް ކަމަށެވެ. އެގޮތުން އައިޖީއެމްއެޗުން ހެދި ސީޓީ ސްކޭނުން އޭނާގެ ސިކުނޑިއަށް ފުދޭވަރަކަށް ބޮޑަށް ލޭ އަރާފައި ހުރިކަން ފާހަގަކުރެވުނު ކަމަށާއި އެއީ ސިކުނޑީގެ ލޭ ހޮޅިއެއް ފަޅައިގެން ގޮސްގެން ހިނގާފައިވާ ކަމެއްކަމަށް ބެލެވޭ ކަމަށެވެ. އަދި ފިޓް ޖެހުނީ ސިކުނޑި ތެރެއަށް ލޭ އަރައިގެން، ޕްރެޝަރު ބޮޑުވެގެން ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.
"މިސާލަކަށް ބުނާނަމަ ސިކުނޑީގައި އެ މައްސަލަ މިބަލި މީހާގެ ނެތްނަމަ ޕްރޮބަބްލީ ދިސް ގޮނަބީ އޭސިމްޓޮމެޓިކް މީހަކަށޭ ބޮޑަށް ލަފާކުރެވެނީ. ދެން އެކަމަކު ވެސް ބަލަން މީނަގެ އެއްވެސް ކަހަލަ އުދަނގޫތަކެއް އަދި ބަލީގެ އެއްވެސް އަސަރެއް ހުރިތޯ ނޫންތޯއެއް. އޭނައާއެކީގައި އުޅުނު މީހުންނާ ވާހަކަދައްކައިގެން،" ޑރ. ފައިޝަން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ބަންގުލަދޭޝް މީހާ މަރުވީ ފިޓް ޖެހިގެން ކަމަށްވީ ނަމަވެސް ޑަބްލިޔުއެޗްއޯގެ ކްލެސިފިކޭޝަނަށް ބަލާނަމަ އޭނާގެ މަރަކީ ކޮވިޑާ ގުޅުން ހުރި މަރެއް ކަމަށެވެ. އޭގެ މާނައަކީ ކޮވިޑް ހުރެފަ އެހެން ކޮންމެ ވެސް ސަބަބަކާ ހުރެ މަރުވުމެވެ.