ކޮވިޑް ޖެހިފައި ވަނިކޮށް ރާއްޖޭން މަރުވި ދެވަނަ މީހާ މަރުވީ ކޮވިޑާއި ގުޅިގެން ކަމަށް ނުބެލެވޭ ކަމަށާއި އެފަދަ އަލާމާތެއް ވެސް ފެންނަން ނެތް ކަމަށް ޑރ. މުހައްމަދު ފައިޝާން ވިދާޅުވެއްޖެ އެވެ.
ފިޓް ޖެހިގެން އުމުރުން 33 އަހަރުގެ އެމީހާ ފުރަތަމަ ގެންދިޔައީ އަސްކަރީ ހޮސްޕިޓަލް، ސެނަހިޔާއަށެވެ. ނަމަވެސް އޭނާ ނިޔާވީ ހާލު ސީރިއަސް ވެގެން، އިތުރު ފަރުވާއަށް ދަރުމަވަންތަ ހޮސްޕިޓަލަށް ގެންގޮސް އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ ކޮވިޑް 19 އަށް ޕޮޒިޓިވްކަން އެނގުނީ އާންމު އުސޫލުގެ ދަށުން ކޮވިޑަށް ހެދި ޓެސްޓުންނެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ފައިޝަން ވިދާޅުވީ، އައިޖީއެމްއެޗަށް ގެނެސް ހެދި ސީޓީ ސްކޭނުން އޭނާގެ ސިކުނޑިއަށް ވަރަށް ބޮޑަށް ލޭ އަރާފައި ހުރިކަން ފާހަގަވި ކަމަށެވެ. އޭގެ ސަބަބެއް ކަމަށް ބެލެވެނީ ސިކުނޑީގެ ލޭ ހޮޅިއެއް ފަޅައިގެން ދިއުން ކަމަށާއި އަދި ފިޓް ޖެހުނީ ސިކުނޑިއަށް ލޭ އެޅި ޕްރެޝަރު ބޮޑުވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.
"މިކަން މި ދިމާވީ ކީއްވެގެންތޯ ބަލާއިރު ސީޓީ ސްކޭނަށް ބަލައިލާއިރުގައި ބޮޑަށް ލަފާކުރެވެނީ މީނަގެ ކުރިން ވެސް ހުރި ކޮންމެ ވެސް ކަހަލަ ބައްޔެކޭ މިއީ. މިސާލަކަށް ސިކުނޑި ތެރޭގައި ލޭ ހޮޅިއެއް އުފެދުމުގަ ހުރި އައިބަކަށް ވެދާނެ. އެހެން ނޫނީ ފަހަރެއްގައި ވެދާނެ ކޮންމެ ވެސް ކަހަލަ ކެންސަރެއްގެ ނުވަތަ ޓިއުމަރެއްގެ އަލާމާތެއް ސިކުނޑީގައި ހުރީ ކަމަށް ވެސް. ބޮޑަށް ލަފާކުރެވެނީ އެކަހަލަ ކަމެއްގެ ސަބަބުން ލިބިފައި ހުރި ގެއްލުމެކޭ މިއީ ސިކުނޑިއަށް. ރާދާދެން ކޮވިޑް އެހެން ނޫނީ ކޮވިޑުގެ ސަބަބުން ސިކުނޑިއަށް ގެއްލުމަކަށްވުރެ ބޮޑަށް،" ޑރ. ފައިޝަން ވިދާޅުވިއެވެ.
ޑޮކްޓަރު ވިދާޅުވީ، ކޮވިޑާ ގުޅިގެން ބައެއް ހާލަތްތަކުގައި ސިކުނޑިއަށް ނުވަތަ ސިކުނޑީގެ ލޭ ހޮޅިތަކަށް އަސަރުކޮށްފައި އެބަހުރި ކަމަށާއި ނަމަވެސް ގިނަ ފަހަރަށް އެހެން ދިމާވަނީ ލޭ ހޮޅިއެއް ބެދިގެން ކަމަށެވެ.