ކުއްލި ޚަބަރު

ކޮވިޑް ޖެހިފައި ވަނިކޮށް މަރުވި ބަންގްލަދޭޝް މީހާގެ ސިކުނޑިއަށް ލޭ ފޭބީ ކޮވިޑުގެ ސަބަބުން ކަމަކަށް ނުބެލެވޭ

ކޮވިޑް ޖެހިފައި ވަނިކޮށް ރާއްޖޭން މަރުވި ދެވަނަ މީހާ ކަމަށްވާ، ބަންގްލަދޭޝް މީހާގެ ސިކުނޑިއަށް ލޭ ފޭބީ ކޮވިޑުގެ ސަބަބުން ކަމަކަށް ނުބެލެވޭ ކަމަށް ޑރ. .މުހައްމަދު ފައިޝަން ވިދާޅުވެއްޖެ އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ފައިޝަން ވިދާޅުވީ ބައެއް ހާލަތްތަކުގައި ކޮވިޑް 19ގެ ސަބަބުން ބަލިމީހުންގެ ސިކުނޑިއަށް އަސަރުކޮށްފައި ހުރި ކޭސްތައް އެބަހުރި ކަމަށެވެ. ނަމަވެސް އެފަދަ ކޭސްތަކުގައިވެސް ހުރީ ގިނަފަހަރަށް ބަލިމީހާގެ ސިކުނޑީގެ ލޭހޮޅިތައް ބެދޭ ގޮތްވުން ފަދަ ކަން ކުރިމަތިވެފައި ކަމަށް ޑރ. ފައިޝަން ވިދާޅުވިއެވެ.

ޑރ. ފައިޝަން ވިދާޅުވީ މިއަދު އައިޖީއެމްއެޗްގައި މަރުވި ކޮވިޑްޖެހިފައިވާ ބަންގްލަދޭޝް މީހާގެ ސިކުނޑިއަށް ލޭ އެޅިފައިވަނީ ސިކުނޑީގެ ލޭ ހޮޅިއެއް ފިތިގެން ނުވަތަ ފަޅައިގެން ގޮސްގެން ކަމަށެވެ. އަދި މިކަމުގެ ސަބަބުން އެމީހާ މަރުވެފައިވަނީ ކޮވިޑްގެ ބަލީގައި ކަމަށް ނުބެލެވޭ ކަމަށް ވެސް ޑރ. ފައިޝަން ވިދާޅުވިއެވެ.

މީގެ އިތުރުން އެމީހާ އައިޖީއެމްއެޗްއަށް ގެންދެވުމާއެކު ސީޓީ ސްކޭނެއް ހަދާފައިވާކަން ޑރ. ފައިޝަން ފާހަގަ ކުރެއްވިއެވެ. އެމީހާގެ ސިކުނޑިއަށް ވަރަށް ބޮޑަށް ލޭ އެޅިފައި ހުރިކަން ފާހަގަވީ މި ސީޓީ ސްކޭނުން ކަމަށް ޑރ. ފައިޝަން ވިދާޅުވިއެވެ. އަދި އޭނާގެ ސިކުނޑިއަށް ލޭ އެޅިފައިވަނީ ލޭ ހޮޅިއެއް ފަޅައިގެން ގޮސްގެން ކަމަށް ޑރ. ފައިޝަން ވިދާޅުވިއެވެ.

ޑރ. ފައިޝަން ވިދާޅުވީ އެމީހާއަށް ދިމާވި ފިޓް ޖެހުމުގެ ކަންކަން ކުރިމަތިވި ކަމަށް ލަފާ ކުރެވެނީ ލޭ އަރައިގެން ސިކުނޑިއަށް ދިމާވެފައި ހުރި ޑެމޭޖްގެ ސަބަބުން ކަމަށެވެ. އަދި ސީޓީ ސްކޭނުން ދައްކާ ގޮތުގައި މިއީ އޭނާގެ ގައިގައި ކުރިންވެސް ހުރި ބައްޔެއް ކަމަށް ބެލެވޭ ކަމަށް ޑރ. ފައިޝަން ވިދާޅުވިއެވެ.