ކުއްލި ޚަބަރު

މަރުވި ބަންގްލަދޭޝް މީހާގެ ސިކުންޑިއަށް ވަނީ ވަރަށް ބޮޑަށް ލޭ ފައިބައިފައި: ޑރ. މޫސާ

ކޮވިޑް ޖެހިފައި ވަނިކޮށް މިއަދު ރާއްޖޭން މަރުވި ދެވަނަ މީހާގެ ސިކުނޑިއަށް ހުރީ ވަރަށް ބޮޑަށް ލޭ ފައިބައިފައި ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު ޑރ. މޫސާ ހުސެއިން ވިދާޅުވެއްޖެ އެވެ.

ކޮވިޑް ޖެހިފައި ވަނިކޮށް މިއަދު މަރުވީ އުމުރުން 33 އަހަރުގެ ބަންގުލަދޭޝް ފިރިހެނެކެވެ. އޭނާ އައިޖީއެމްއެޗަށް ގެންދިޔައީ ރޭ ފަތިހު ފިޓު ޖެހި، ހާލު ސީރިއަސް ވެގެންނެވެ. މިއަދު ހެނދުނު ނިޔާވި އެމީހާ ކޮވިޑް 19 އަށް ޕޮޒިޓިވްކަން އެނގުނީ އާންމު އުސޫލުގެ ދަށުން އެ ބައްޔަށް ޓެސްޓު ކުރުމުންނެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މޫސާ ވިދާޅުވީ މަރުވި ބަންގުލަދޭޝް މީހާގެ ފުރާނަ ސަލާމަތް ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރި ކަމަށާއި ނަމަވެސް އެ މީހާގެ ސިކުނޑިއަށް ލޭ ފައިބައިފައި ހުރުމުން ވަރަށް ބޮޑަށް ވަގުތު ފާއިތުވި ކަމަށެވެ.

"ބަލި މީހާގެ ދިމާވެފައި ހުރި އެންމެ ބޮޑު މައްސަލައަކީ ސިކުނޑިއަށް ލޭ ފައިބައިގެން ކޮމްޕްރެޝަން ފީޗާސްތައް އައުން. ދެފަހަރަކު އެރެސްޓަކަށް ވެސް ދިޔަ. ވެންޓިލޭޓަރުގައި އޮވެގެން ނިޔާވެގެން މިދިޔައީ. އަޅުގަނޑުމެންނަށް ވަގުތުކޮޅެއް ވެސް ނުލިބުނު މާ ބޮޑަކަށް. ވަރަށް ކުޑަ ވަގުތުކޮޅެއްގައި އައިސްފަ ފުރާނަ ގެއްލިގެން އެދިޔައީ،" ޑރ. މޫސަ ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް 19 އަށް ޕޮޒިޓިވްވެފަިއވަނީ 557 މީހެކެވެ. އަދި އޭގެ ތެރެއިން 18 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.