ކޮވިޑަށް ޕޮޒިޓިވް ވި ދެވަނަ މީހަކު ރާއްޖޭގައި މަރުވެއްޖެ އެވެ.
"ވަން" އަށް ކަށަވަރުވެފައިވާ ގޮތުގައި ކޮވިޑުގައި ރާއްޖޭން މަރުވި ދެވަނަ މީހާއަކީ ބަންގްލަދޭޝް މީހެކެވެ. މިމީހާ އަކީ ހާލު ދެރަވަގެން އައިޖީއެމްއެޗްގައި ރޭ ފަރުވާ ދޭން ފެށި މީހެކެވެ. އެކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ރޭ ވަނީ އާންމުކޮށްފަ އެވެ.
ވަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މީހާގެ ހާލު އިތުރަށް ގޯސްވެ، ރޭ ފަތިހުގެ ވަގުތެއްގައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. އަދި އޭނާ މަރުވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށެވެ.
ކޮވިޑަށް ޕޮޒިޓިވް ވި މީހަކު ރާއްޖޭގައި ފުރަތަމަ މަރުވީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. އެއީ 83 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވް ވި ކަން އެނގުނީ ނިޔާވި ފަހުންނެވެ.
ކޮވިޑުގެ ހާލަތު ރާއްޖޭގައި އަދިވެސް ގޯސްވަމުން ދާނެ ކަމަށް ސިއްހީ މާހިރުން ވަނީ އަންދާޒާ ކުރައްވައިފަ އެވެ. އެގޮތުން ބަލި ޖެހޭ މީހުންގެ އަދަދުވެސް މައްޗަށް ގޮސް މަރުވާ މީހުންގެ އަދަދުވެސް މައްޗަށް ދާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 557 އަށް އަރައިފަ އެވެ.