މިންހާ ފާއިޒް ރަޝާދު
ހޮންގްކޮންގުން ކޮވިޑް19 ގެ ދެވަނަ ރާޅު ވެސް ކޮންޓްރޯލުކޮށް އާންމު ދިރިއުޅުމަށް މީހުން ނުކުންނަން ފަށައިފި އެވެ.
އެ ގައުމުގައި އެންމެ ފުރަތަމަ ބަލި ފެތުރި ކޮންޓްރޯލު ކުރެވުނުކަމަށް ހީކޮށްގެން ތިއްބައި ދެވަނަ ރާޅެއްގެ ބިރުވެރިކަން ކުރިމަތިވެގެން ދިޔައީ ފެބްރުއަރީ މަސް ނިމެން އުޅެނިކޮށެވެ. ކުއްލިއަކަށް އެތައް ބަޔަކު ބައްޔަށް ޕޮޒިޓިވް ވުމުން ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅަން ޖެހުނެވެ.
މިހާރު ދެވަނަ ރާޅުގެ ބިރުވެރިކަން ވެސް މިވަނީ ގޮސްފައެވެ. އާ ލޯކަލް ކޭސްއެއް ނުފެންނަތާ ދެހަފުތާ ވެއްޖެއެވެ. އޭޕްރިލް 20ގެ ފަހުން ބައްޔަށް ޕޮޒިޓިވް ކަމަށް ހޯދިފައިވަނީ 15 މީހުނެވެ. އެ މީހުންނަކީ ފަހުގެ ތާރީހެއްގައި ދަތުރުކޮށްފައި ތިބި މީހުނެވެ. ބައްޔަށް މުޅިއެކު ޕޮޒިޓިވްވީ 1041 މީހުނެވެ. މަރުވީ ހަތަރު މީހުނެވެ. 900 މީހުން ބަލިން ސަލާމަތްވެފައި ވެއެވެ.
ހޮންގްކޮންގުން ފުރަތަމަ ފަހަރަށް ބަލި ފެނުނީ ޖެނުއަރީ 24ގައެވެ. އެ ފަހަރު ބަލި ކޮންޓްރޯލު ކުރެވުނު ކަމަށް ނިންމައިގެން ތިއްބައި ދެވަނަ ރާޅު ފެބްރުއަރީ ނިމެން ކައިރިވެފައި ވަނިކޮށް ފެނި "ޕަބްލިކް ޕެނިކް"އެއް އުފެދިގެން ދިޔައެވެ.
ނަމަވެސް ޗައިނާއާއެކު އެއް ބޯޑަރެއް ހިއްސާކުރާ ހޮންގްކޮންގުގައި މާޗްމަސް ފެށުނުއިރުވެސް ބައްޔަށް ޕޮޒިޓިވް ކަމަށް ހޯދިފައިވަނީ 150 މީހުނެވެ. ބަލި އިތުރަށް ފެތުރިގެން ދިޔައީ ޔުނިވާސިޓީތަކުންނެވެ. އެކުދިން ގެއަށް ދިޔައީ ވަރިރަސް ހިފިގެންނެވެ. މާޗްމަސް ނިމުނު އިރު ބައްޔަށް ޕޮޒިޓިވް 700 މީހުން ވަނީ ފެނިފައެވެ.
ސަރުކާރުން ވަގުތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރިއެވެ. ގައުމުގެ ރައްޔިތުން ނޫން މީހުނަށް ގައުމަށް ނުވަދެވޭ ގޮތަށް ބަންދުކުރިއެވެ. އެއާޕޯޓުތަކުން ދަތުރުފަތުރުކުރުން ހުއްޓުވިއެވެ. ކަރަންޓީނު ކުރުން ވަރުގަދަކޮށް ގައުމަށް އެތެރެވާ ކޮންމެ މީހަކު ޓެސްޓު ކުރިއެވެ. ގޭގައި ކަރަންޓީނުގައި ތިބޭ މީހުން ފައިގައި "އިލެކްޓްރޯނިކް ބްރޭސްލެޓް" ވެސް އެޅުވިއެވެ. އެއީ އެމީހުންގެ އަމަލުތައް މޮނީޓާ ކުރުމަށެވެ. ހުރިހާ އެންމެންހެން މާސްކު އެޅިއެވެ. އެގައުމުން ވަނީ ބަލި ކޮންޓްރޯލު ކުރުމުގެ އެންމެ ބޮޑު އެއްޗަކަށް މާސް ވެގެންގޮސްފައިވާ ކަމަށް ބުނެފައެވެ.
ޖިމްތަކާއި ކުޅިވަރު ކުޅޭ ތަންތަން ބަންދުކޮށް ބާތައްވެސް ބަންދުކުރިއެވެ. ގިނަ ރެސްޓްރޯޓަންޓުތަކާއި ކެފޭތައްވެސް ބަންދު ކުރިއެވެ. ހުޅުވާފައި ހުރި ތަންތަނުން ޖެހުނީ ގޮނޑިތައް މަދުކޮށް ކަސްޓަމަރުން މެދުގައި ގައިދުރުކަން ހުންނަހެން ގޮނޑި ޖަހާށެވެ.
ހޮންގްކޮންގުގައި މިހުރިހާ ފިޔަވަޅުތަކެއް އެޅިއިރުވެސް ރަސްމީކޮށް ލޮކްޑައުން ކުރިކަމެއް އިއުލާނެއް ނުކުރެއެވެ. ގޭގައި ރައްޔިތުން ތިބޭކަށްވެސް ނާންގައެވެ. ނަމަވެސް ސަރުކާރައި ރައްޔިތުން ގުޅިގެން ބަލި ކޮންޓްރޯލު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔަ އެވެ.
މި އެޅި ފިޔަވަޅުތައް ރަނގަޅުކަމުގެ ހެއްކަކީ އޭޕްރިލް 19 ގެ ފަހުން އެގައުމުން އިތުރު ލޯކަލް ކޭސްއެއް ފެނިފައި ނުވުމެވެ. އެހެންކަމުން އާންމު ދިރިއުޅުމަށް މަޑުމަޑުން ނުކުތުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.
ހޮންކޮންގުގެ ފައިނޭންޝިއަލް ސާވިސަސް އެންޑް ޓްރެޝަރީގެ ސެކްރަޓަރީ ކްރިސްޓޮފާ ހުއި ބުނި ގޮތުގައި މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ އިގްތިސާދު ދިރުވުމަށެވެ.
ޓެނިސް ކޯޓުތައް ފަދަ ކުޅިވަރުކުޅޭ ތަންތަން މިދިޔަ ހޯމަދުވަހު ހުޅުވާފައިވާއިރު، ލައިސަންސް ނެގުމުގެ ހިދުމަތާއި އިޖުތިމާއީ މަސައްކަތްތައް ފެއްޓިގެން ގޮސްފައިވެއެވެ. ސްކޫލުތައް އަދިވެސް ބަންދުކޮށްފައި ބަހައްޓަން ނިންމާފައިވާއިރު ދަރިވަރުން ގެންދަނީ އޮންލައިން ކްލާސްތައް ނަގަމުންނެވެ.
ހޮންކޮންގުން ލުއިތައް ދޭން ފެށުމާއެކު ފާއިތުވި ދެހަފުތާގައި ގިނަ ބަޔަކު ވަނީ ބީޗުތަކަށާއި ހައިކް ކުރަންވެސް ގޮސްފައެވެ. ރެސްޓޯރަންޓުތައް ވެސް ހުޅުވައި ކިއުތައް ވަނީ ހަދައިފައެވެ. ތިންމަސްދުވަހު ބަންދުވެފައި ތިބުމަށްފަހު ހުރިހާ ރައްޔިތުން ތިބީ މިދުވަހުގެ އިންތިޒާރުގައެވެ.
ލޮކްޑައުން ނުކޮށް ހޮންގްކޮންގުން ދެފަހަރު ބަލި ކޮންޓްރޯލުކުރުމުން ގިނަ ގައުމުތަކުން އަންނަނީ އެކަމަށް ތައުރީފު ކުރަމުނެވެ.