ކުއްލި ޚަބަރު

އިތުރު ހަ މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 551 އަށް

ރާއްޖޭގައި އިތުރު ހަ މީހަކު ކޮވިޑް 19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އިތުރު ހަ މީހަކު ޕޮޒިޓިވްވުމާއެކު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 551 އަށް އަރާފައިވާ ކަމަށެވެ.

އިތުރު ހަ މީހަކު ޕޮޒިޓިވްވުމާއެކު މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 24އަށް އަރައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަށް ދިވެއްސަކާއި ބަންގުލަދޭޝްގެ 14 މީހެއްގެ އިތުރުން ނޭޕާލުގެ ދެ މީހެކެވެ.

މިހާތަނަށް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެންމެ ގިނައީ ބަންގުލަދޭޝްގެ މީހުންނެވެ. ބަންގުލަދޭޝްގެ 282 މީހަކު ޕޮޒިޓިވްވެފައިވާ އިރު، ދިވެހިންގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 191 މީހެކެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދެން ހިމެނެނީ އިންޑިއާގެ 52 މީހަކާއި އިޓަލީގެ 11 މީހަކާއި ނޭޕާލުގެ ފަސް މީހަކާއި ސްރީލަންކާގެ ތިން މީހަކާއި ޕާކިސްތާނުގެ ތިން މީހެކެވެ. އަދި އެހެން ގައުމުތަކަށް ނިސްބަތްވާ ހަތަރު މީހަކު ވެސް ހިމެނެއެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި 551 މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 18 މީހެކެވެ. އަދި ޕޮޒިޓިވްވި 83 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފައެވެ.