އަލީ ޔާމިން
ރަށްރަށަށް ދާ މީހުން ކަރަންޓީނު ފުރިހަމަކުރަން ޖެހޭނެ ކަމަށާއި އުސޫލާ ހިލާފުވާނަމަ ޓާސްކްފޯސުން ފިޔަވަޅުވެސް އަޅަންޖެހޭނެ ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، މާލެއިން އަތޮޅުތެރެއަށް ދާ މީހުންނަކީ މާލެ ލޮކްޑައުންކުރުމާ ގުޅިގެން ވަރަށް ގިނަ ދުވަހު މާލޭގައި ތިބެފައި އެނބުރި ރަށަށް ދާ މީހުން ކަމަށާއި ނަމަވެސް އެމީހުންނާ މެދު ވެސް އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭނެ ކަމަށެވެ. އެގޮތުން އެމީހުންވެސް ކަރަންޓީނުގެ މުއްދަތު ފުރިހަކުރަން ޖެހޭނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، ކަރަންޓީން ކުރެވޭ މީހުން ކަރަންޓީނުގެ އުސޫލުތަކަށް ތަބާވޭތޯ ފުލުހުންނާއި ޓާސްކްފޯސްތަކުން ބަލަން ޖެހޭނެ ކަމަށާއި އުސޫލުތަކާ ހިލާފުވާނަމަ ފިޔަވަޅުވެސް އަޅަން ޖެހޭނެ ކަމަށެވެ.
"ޕޮލިހުން އެކަންތައްތައް ބައްލަވަން ޖެހޭނެ. އަދި އެކަމާ ގުޅިގެން އަންނަ ރިޕޯޓުތަކަށް ރަށްރަށުގެ ޓާސްކްފޯސްތަކުން ފިޔަވަޅު އަޅަމުންދާން ޖެހޭނެ، އެކަންކަން މޮނީޓާ ކުރެވެން ޖެހޭނެ،" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، ދުނިޔޭގެ އެއްވެސް ގައުމަކަށް އެންމެން ކަރަންޓީން ކުރުމުގެ ގާބިލުކަން ނުކުންނާނެ ކަމަށާއި އެހެންކަމުން ރާއްޖޭގައިވެސް ބައެއް މީހުން ރަށްރަށުގައި ހޯމް ކަރަންޓީން ކުރަން ޖެހޭނެ ކަމަށެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީން ވަނީ މާލެއިން ރަށްރަށަށް ދާ މީހުން އަމަލުކުރަން ޖެހޭނެ އުސޫލު އާންމުކޮށްފައެވެ. އެ އުސޫލުގައިވާ ގޮތުން މާލެއިން ރަށްރަށަށް ދާ މީހުންނަށް މުޖުތަމައުގެ ތެރެއަށް ނުކުމެވޭނީ 14 ދުވަހުގެ ކަރަންޓީންގެ މުއްދަތު ފުރިހަމަކުރުމަށް ފަހުގައެވެ.