އަލީ ޔާމިން
ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭން އެއްވެސް ކްލަސްޓާއަކާ ގުޅުމެއް ނެތް މީހުންގެ އަދަދަކީ 39 ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، މިހާތަނަށް ރާއްޖެއިން ބައްޔަށް ޕޮޒިޓުވްވި މީހުންގެ ތެރެއިން އެއްވެސް ކަލަސްޓާއަކާ ގުޅުމެއް ނެތް 39 މީހަކު ފެނިފައިވާ ކަމަށާއި ނަމަވެސް އެމީހުންގެ ކޮންޓެކްޓްވެފައިވާ މީހުން ދެނެގަނެވިފައިވާ ކަމަށެވެ.
"އެއްވެސް ކަހަލަގެ އިތުރު ލިންކެއް ފެނިފައި ނުވާ އެފަދަ 39 ކޭސްއެއް ފެނިފައިވަނީ މިހާތަނަށް." ޑރ. އަފްޒަލް ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ، އެއްވެސް ކަލަސްޓާއަކާ ގުޅުމެއް ނެތް މީހުން ފެންނަ ކަމަށްވާ ނަމަ އެއީ މުޖުތަމައުގެ އެކި ދިމަދިމާގައި ބަލި އުޅޭ ކަމުގެ ނިޝާނެއް ކަމަށާއި އެއީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ދިމާވާނެ ގޮންޖެހުމެއް ކަމަށެވެ.
މީގެ އިތުރުން ޑރ. އަފްޒަލް ވިދާޅުވީ، ރާއްޖެއިން ބަލި ޖެހޭ ގިނަ މީހުންނަކީ ބަލީގެ އެއްވެސް އަލާމާތެއް ނުފެނި ބައްޔަށް ޕޮޒިޓިވްވާ މީހުން ކަމަށެވެ.
ރާއްޖޭގައި މިހާތަނަށް ބައްޔަށް ޕޮޒިޓިވްވެފައިވަނީ 545 މީހެވެ. އޭގެ ތެރޭގައި ގިނައީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރީންނެވެ.