އަލީ ޔާމިން
ގިނަ ބަޔަކު އަދިވެސް ޕޮޒިޓިވްވާނެ ކަމަށް ބެލެވެނީ ބައްޔަށް ހުށަހެޅި ޓެސްޓު ނުހެދޭ ގިނަ އަދަދެއްގެ ބިދޭސީން ތިބުމުން ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، މި ދެތިން ދުވަހު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދުތައް މަދުކަމަށް ދައްކަނީ ގިނަ ބައެއްގެ ނަތީޖާ އަދިވެސް ނުލިބި ހުރުމުން ކަމަށާއި، އެހެންކަމުން ނަތީޖާތައް ލިބުމުން އެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
ޑރ. އަފްޒަލް ވިދާޅުވީ، ކުރިއަށް އޮތް ދެ ހަފްތާއެއްގެ ތެރޭގައި ބައްޔަށް ގިނަ ބަޔަކު ޕޮޒިޓިވްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެފައިވަނީ ބައްޔަށް ހުށަހެޅި ޓެސްޓު ނުހެދޭ ގިނަ އަދަދެއްގެ ބިދޭސީން ތިބުމުން ކަމަށެވެ.
"އަޅުގަނޑުމެންނަށް އެސެސް ކުރެވޭ އިތުރު ވަރަނަރަބަލް ޕޮޕިއުލޭޝަންތަކެއް ޓެސްޓް ކުރެވިގެންދާއިރު އިތުރު ނަންބަރުތައް ފެނިގެން ދިޔުން،" ޑރ. އަފްޒަލް ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. އަފްޒަލް ވިދާޅުވީ، ހައިރިސްކު އޭރިއާތަކުގެ ގިނަ ބައެއްގެ ޓެސްޓުވެސް ނަގަން ޖެހިފައިވާ ކަމަށާއި ނަމަވެސް ޓެސްޓު ކިޓް ކެޕޭސިޓީގެ ސަބަބުން އެކަން އަދި ނުކުރެވިވާ ކަމަށެވެ.
ރާއްޖޭގައި އެންމެ ގިނައިން ބައްޔަށް ޕޮޒިޓިވްވެފައިވަނީ ބަންގުލަދޭޝް މީހުންނެވެ. އެމީހުންގެ ތެރެއިން ގިނަ މީހުންނަކީ ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅޭ މީހުންކަމަށް ވުމުން ބިދޭސީ މަސައްކަތްތެރީންގެ މެދުގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.