ކަރަންޓީނު ފެސިލިޓީއަކުން ބިދޭސީއަކު ފިލިކަން އެނގިފައި ނެތް ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ވަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މަބްރޫކު ވިދާޅުވީ މާލޭގެ އެކަމަޑޭޝަނެއްގައި މަޑުކޮށްގެން ހުރި މީހަކު ނުކުމެގެންދާ ވީޑިއޯއެއް ފެނިފައިވާ ކަމަށާއި ނަމަވެސް ކަރަންޓީން ފެސިލިޓީއަކުން މީހަކު އަދި މިހާތަނަށް ފިލިކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް އަދި މިހާހިސާބަށް އެނގިފައެއް ނެތް އަޅުގަނޑުމެން މިގެންދާ ކަރަންޓީން ފެސިލިޓީތަކުންނެއް ތިކަހަލަ ކަމެއް ވެގެން އުޅޭ ކަމަކަށެއް، ބިދޭސީން އެތަންތަނުންދާކަމުގެ." މަބްރޫކު ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ ބިދޭސީން އަދި ދިވެހިން ކަރަންޓީން ކުރާ އެއްވެސް ފެސިލިޓީއަކުން މީހުންނަށް ފިލުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ. އަދި ކަރަންޓީން ފެސިލިޓީތަކުގެ ސެކިއުރިޓީ ފުލުހުންނާއި ސިފައިން ބަލަހައްޓަމުން އަންނަ ކަމަށާއި އެތަންތަނަކީ މީހުން ދިރިއުޅޭ ހިސާބުތަކުގައި ހުންނަ ތަންތަން ނޫނަ ކަމަށެވެ. އެހެންކަމުން އެފަދަ ކަމެއް ކުރުމުގެ ފުރުސަތެއް ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.