އިމަޖެންސީގައި ހޮސްޕިޓަލަށް ދާން ޖެހޭ މީހުންނަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ނިންމައިފިއެވެ.
ނޭޝަނަލް އިމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ، އިމަޖެންސީގައި ހޮސްޕިޓަލަށް ދާން ޖެހޭ މީހުންނަށް ނުދެވި ލަސްވާކަމުގެ މައްސަލަ ފާހަގަކުރެވިފައިވާ ކަމަށާއި އެކަން ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މަބްރޫކު ވިދާޅުވީ އިމަޖެންސީގައި ހޮސްޕިޓަލަށް ދިއުމަށް ހުރި ދަތިކަމަކީ ހާލަތާ ގުޅިގެން އައި ދަތިތަކެއް ނަމަވެސް އެކަން ހައްލުކުރުމަށްޓަކައި އިތުރު އިންތިޒާމުތަކެއް ހަމަޖައްސަމުން އަންނަ ކަމަށެވެ.
"މިމައްސަލައިގައި އަޅުގަނޑުމެން އެބަޖެހޭ އިތުރު އިންތިޒާމުތަކެއް ހަމަޖައްސަން، ހޮސްޕިޓަލަށް އިމަޖެންސީގައި ވަޑައިގަންނަވަން ޖެހޭ ބޭފުޅުންނަށް ކުރިއާ ތަފާތަށް މިހާރު ކާރެއްގައި ދެވޭކަށް ނެތް. އެހެންވީމަ އެކަމުގައި ވަރަށް ދަތި ދިމާވެފައި އޮތީ. މިކަން ހައްލުކުރުމަށް ޕްރައިވެޓް ހޮސްޕިޓަލްތަކުގެ ވެހިކަލްތައް ޔުޓިލައިޒްކުމަށް މަސައްކަތް ކުރަމުންމިދަނީ،" މަބްރޫކް ވިދާޅުވިއެވެ.
މީގެ އިތުރުން ދަތުރުފަތުރު ކުރުމުގައި ފަސޭހަކޮށްދިނުމުގެ ގޮތުން އެމެޖެންސީ ހާލަތުގައި އެހެން ވެހިކަލްތަކުގައިވެސް އާދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ މިހާރު ކުރިއަށްދަނީ އެކަން ހައްލުކޮށް އިތުރަށް ރަނގަޅުކުރެވޭނެ އިންތިޒާމު ކަމަށާއި އަދި އެ އިންތިޒާމު ހަމަޖެހުމުން އާންމު ކުރާނެ ކަމަށެވެ.