ޑެލިވަރީއާއި ވެހިކަލް އަދި ސަޕޯޓް ސްޓާފުންނަށް ދޫކުރި ފާހުގެ އަދަދު 15000 އަށް އަރައިފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ އެ ފާސްތައް ދޫކުރެވިފައިވަނީ ޑެލިވަރީކުރުމަށާއި ވެހިކަލްތަކަށް އަދި ސަޕޯޓު ސްޓާފުންނަށް ކަމަށެވެ.
"ޑެލިވަރީކުރުމަށް 6000 ޕާމިޓެއް ދީފައިވާކަން އެބޭފުޅުން ފާހަގަކުރައްވާ. އަދި 4000 ޕާމިޓެއް ވެހިކަލްތަކުގެ ޕާމިޓުގެ ގޮތުގައި، އަދި ސަޕޯޓް ސްޓާފުންނަށް 5000 ޕާމިޓެއް މިއަދު ވަނީ ދޫކޮށްފައި. މީގެ އިތުރުން ޒަރޫރީ ބޭނުންތަކަށް ފިހާރަތަކަށް ދިއުމަށް 28،000 ޕާމިޓެއް އެބޭފުޅުން ދޫކޮށްފައިވޭ،" އޭނާ ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ ލޮކްޑައުންގެ އެންގުމާ ހިލާފުވެގެން މިއަދު ހަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އެންގުމާ ހިލާފުވެގެން މިހާތަނަށް ޖުމްލަ 139 މީހަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން އަންނަނީ މާލޭ ސިޓީގެ ލޮކްޑައުންއާ ހިލާފަށް މަގުމައްޗަށް ނުކުންނަ މީހުން ޖޫރިމަނާކޮށް ހައްޔަރުކުރަމުންނެވެ. އޭގެ އިތުރުން ހުއްދަ ނުހޯދައި އެއް ރަށުން އަނެއް ރަށަށް އަރާ މީހުން ވެސް ފުލުހުން އަންނަނީ ހައްޔަރުކުރަމުންނެވެ.