ކުއްލި ޚަބަރު

ކުރިޔަށް އޮތްތަނުގައި ނަގަން ހުރި ސާމްޕަލްތަކުގެ ތެރޭގައި ހައިރިސްކު މީހުންގެ ސާމްޕަލް ގިނަ އަދަދަކަށް އެބަހުރި

ކުރިޔަށް އޮތްތަނުގައި ނަގަން ހުރި ސާމްޕަލްތަކުގެ ތެރޭގައި ހައިރިސްކު މީހުންގެ ސާމްޕަލް ގިނަ އަދަދަކަށް އެބަހުރި ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ ޕޮޒިޓިވް ކޭސްތަކުގެ އަދަދުތައް މަދު ކަމަށް ދެއްކި ނަމަވެސް، ކުރިއަށްއޮތްތަނުގައި ވެސް އެގޮތަށް ދާނެ ކަމަށް ބެލެން އަދި ނެތް ކަމަށެވެ.

"ރޭގެ 12:00އާ ހަމައަށް އިއްޔެގެ ކޭސްތަކުގެ އަދަދަކީ ހަތެއް. އޭގެ ފަހަށް މިއަދު މިހާތަނަށް 14 ކޭސް ފެނިފައިވޭ. އޭގެ ކުރީ ދެދުވަހު އިނީ 23 އާއި 33 ކޭސް. އެހެންވީމާ އެކަށީގެންވޭ މިފަދަ ދަށް ނަންބަރުތަކެއްގެ ކޭސް ފެންނަމުންދިއުމުން ހިތަށް އެރުން މިހާރު ތިރިޔަށް ޖެހިލީއޭ. އެހެންނަމަވެސް އަޅުގަނޑުމެންގެ އަދިވެސް ހަތްރިސްކު އޭރިއާތަކުގެ ވަރަށް ބޮޑު ބައެއްގެ، ހާއްސަކޮށް ވަލްނަރަބަލް ޕޮޕިއުލޭޝަންގެ ގިނަ ބައެއްގެ ސާމްޕަލްތައް އަދިވެސް ނަގަން ޕެންޑިންގައި ނޫނީ އެ ސާމްޕަލްތައް ކަލެކްޓުކުރަން ވެފައި އޮތީ. އެމީހުން އެސެސް ކުރެވިފައިވަނީ އެގޮތަށް ކަމަށްވާތީ އަޅުގަނޑުމެންނަކަށް ނުބުނެވޭނެ އަދި އަޅުގަނޑުމެންގެ ނަންބަރުތައް ކުރިއަށްއޮތް ތަނުގައި މިގޮތަށް ކޮންމެ ރެޔަކު ދަށަށް ދާނެއެކޭ،" އޭނާ ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ ފަހުން ފެނުނު 14 ކޭސްގެ ތެރޭގައި ހިމެނެނީ ބަންގުލަދޭޝްގެ ދިހަ މީހަކާއި ރާއްޖޭގެ ހަތަރު މީހަކު ކަމަށާއި މިއަދު ބާޒަރުމަތީ ކްލަސްޓާގެ ހަ މީހުންނާއި ކްލަސްޓާއެއްގައި ނުހިމެނޭ އެކަކާއި ޓީއޯޑަބްލިޔު ކްލަސްޓާއިން ތިން މީހަކު ފެނިފައިވާ ކަމަށެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި 545 މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 18 މީހެކެވެ. އަދި ޕޮޒިޓިވްވި 83 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފައެވެ.