އިތުރު ހަތަރު މީހަކު ކޮވިޑަށް ޕޮޒިޓިވްވެ ރާއްޖޭގެ ޖުމުލަ އަދަދު 545 އަށް އަރައިފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ މިހާތަނަށް 9200 އަށްވުރެ ގިނަ ސާމްޕަލް ނެގިފައިވާ ކަމަށެވެ.
"މިއަދު މިހާތަނަށް އައި އިރުގައި ޖުމްލަ 9231 ސާމްޕަލެއް ވަނީ ނެގިފައި. މި ސާމްޕަލްތަކުގެ ތެރެއިން 545 ސާމްޕަލެއްގެ ނަތީޖާ ވަނީ ޕޮޒިޓިވްވެފައި. އަދި ނެގަޓިވް ސާމްޕަލްގެ ގޮތުގައި 8344. ނަތީޖާ ނުލިބި މިވަގުތު ސާމްޕަލްސް އެބަހުރި، 346 ސާމްޕަލް،" އޭނާ ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ މިއަދު ޕޮޒިޓިވްވި 15 ސާމްޕަލްގެ ތެރެއިން 14 ސާމްޕަލަކީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަކުރެވިފައިވާ ސާމްޕަލްތަކެއް ކަމަށާއި އަނެއް ސާމްޕަލަކީ އެއްވެސް ކްލަސްޓާއަކާ ނުގުޅޭ ސާމްޕަލެއް ކަމަށެވެ.
"އެއް ސާމްޕަލަކީ އިންޑިޕެންޑަންޓް ސާމްޕަލެއް. އެ ސާމްޕަލް ގުޅެނީ ކޮން ކްލަސްޓާއަކާތޯ އާއި އަދި ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށް އެބަދޭ. ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތަކަށް ބަލައިލާއިރު، 4049 ކޮންޓެކްޓެއް ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަކުރެވިފައިވޭ. އަދި މިކަމާ ގުޅިގެން 234 ތަނެއް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެވިފައި." މަބްރޫކު ވިދާޅުވިއެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި 545 މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 18 މީހެކެވެ. އަދި ޕޮޒިޓިވްވި 83 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފައެވެ.