އިތުރު 14 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 541 އަށް އަރައިފިއެވެ.
ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު އިތުރުވެފައިވާކަން އިއުލާންކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
ކޮވިޑް 19އާ ގުޅޭގޮތުން ގައުމާ މުހާތަބުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރާއްޖޭން ބަލި ޖެހުނު މީހުންގެ އަދަދު 541 އަށް އަރާފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 185 ދިވެހިންނާއި 356 ބިދޭސީން ކަމަށެވެ.
"ރާއްޖޭން ކޮވިޑް 19 ފެނުނު ފަހުން، މިހާތަނަށް 541 މީހަކަށް އެބަލި ޖެހިއްޖެ. އެއީ 185 ދިވެހިންނާއި 356 ބިދޭސީން. އަދި މިހާރު އެ ބައްޔަށް ފަރުވާ ހޯދަމުން އަންނަ 523 މީހުންގެ ތެރެއިން، ވަރަށް މަދު މީހެއް ފިޔަވައި، އެންމެންގެ ހާލުވެސް ޖުމްލަ ގޮތެއްގައި ރަނގަޅު." އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭން މިއަދު އިތުރަށް ޕޮޒިޓިވްވެފައިވަނީ ވެސް 14 މީހެކެވެ. ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި 541 މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 18 މީހެކެވެ. އަދި ޕޮޒިޓިވްވި 83 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފައެވެ.