އަލީ ޔާމިން
މުޅި ރާއްޖެ ފުރަބަންދުގައި އޮތަސް، ދައުލަތުން ދޭންޖެހޭ ހިދުމަތްތައް ދިނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިއަދު ހަވީރު ގައުމާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ކޮވިޑުން ރައްކާތެރިވުމަށް ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅައިފައިވާ ކަމަށެވެ. އެގޮތުން ކުރެވުނު އެންމެ މުހިންމު މަސައްކަތަކީ މުޅި ރާއްޖެ ފުރަބަންދު ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ، އާންމު ބޭނުންތަކަށް ބޭނުންވާ ތަކެތި، އެއްވެސް ދަތިކަމެއް ނެތި ލިބޭނެ ގޮތް ހަދައިދިނުމަށް ކަމަށާއި ރާއްޖެ ފުރަބަންދުގައި އޮތަސް ދައުލަތުން ދޭން ޖެހޭ ހިދުމަތްތައް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މުޅި ރާއްޖެ ފުރަބަންދުގެ ހާލަތުގައި އޮތަސް، ދައުލަތެއްގެ ގޮތުގައި އަޅުގަނޑުމެން ކުރަންޖެހޭ ވަރަަށް ގިނަ ކަންތައް އެބަހުރި. ދޭންޖެހޭ ހިދުމަތްތައް ވެސް އެބަހުރި. އެ ހިދުމަތްތައް ދިނުމަށް ސަރުކާރުން މިއަންނަނީ މަސައްކަތް ކުރަމުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ، ކާބޯތަކެއްޗާއި ބޭސްފަރުވާއަށް ބޭނުންވާ ބޭހާއި އެހެން ވަސީލަތްތަކާއި އާލާތްތައް، ބޭރު ގައުމުތަކުގެ އެހީތެރިކަމާއެކު، ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށާއި މިކަމުގައި ރަހުމަތްތެރި ގައުމުތަކުންނާއި ބޭރުގެ ދީލަތި ބައެއް ބޭފުޅުން، ދިވެހި ރައްޔިތުންނަށްޓަކައި ވަރަށް އަގުހުރި އެހީތަކެއް ވެދެއްވައިފައިވާ ކަމަށެވެ. އަދި މިހާރުވެސް އިތުރު އެހީތައް ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ ބައެއް ދީލަތި ބޭފުޅުންގެ ދީލަތި އެހީތައް ލިބިފައިވާ ކަމަށާއި އެހެންކަމުން އެ ބޭފުޅުންނާއި ބޭރުގެ ގައުމުތައް ހިމެނޭހެން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިން އެންމެހާ ފަރާތްތަކަށް ރައީސް ވަނީ ދިވެހި ރައްޔިތުންނާއި، ސަރުކާރުގެ ނަމުގައި ޝުކުރު އަދާކުރައްވަައިފައެވެ.