އަލީ ޔާމިން
މިހާރު ކުރިމަތިވެފައިވާ ދަތިތަކާ އެކުގައިވެސް، ހުރިހާ ބޭފުޅުން ވެސް މިދުވަސްކޮޅު ގޭގައި މަޑުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވައިފިއެވެ.
ރައީސް ސޯލިހު ގައުމާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ރާއްޖޭގައި ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސިއްހީ މާހިރުންގެ ލަފައާއި އިރުޝާދާއެކު ގިނަ މަސައްކަތްތެއް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެއް ރަށުން އަނެއް ރަށަށް މީހުން ދަތުރުކުރުން މެދުކަނޑައިލުމާއި، ރަށްރަށުން މާލެއަށް، އަދި މާލެއިން އެހެން ރަށްރަށަށް، މީހުން ދަތުރުކުރުން މަނާކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކޮވިޑުގެ ސަބަބުން ސަރުކާރުންް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކިތަންމެ ގިނަ ދަތިތަކެއް ކުރިމަތި ވިޔަސް، އެ ފިޔަވަޅުތައް އަޅައިގެން ނޫނީ ބަލި ކޮންޓްރޯލް ކުރެވެން ނެތްކަން އެންމެންވެސް ގަބޫލު ކުރާނެ ކަމަށާއި އެހެންކަމުން ރައްޔިތުން ދެމުން އަންނަ އެއްބާރުލުން މިހާރަށް ވުރެ ބޮޑަށް ދިނުމަށް ގޮވާލާ ކަމަށެވެ.
"ޒަރޫރީ ބޭނުމެއްގައި ގެއިން ބޭރަށް ނުކުތަސް، އިޖުތިމާއީ ގައިދުރުކަމަށް އިސްކަން ދެއްވައިގެން އުޅުއްވުމަކީ ވަރަށް މުހިންމު ކަމެއް. ކޯވިޑަށް ޝައްކުކުރެވޭ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ، ލަސް ނުކުރައްވައި، ކަމާ ބެހޭ ފަރާތްތަކަށް އެންގެވުމަކީ ވެސް ވަރަށް ބޭނުންތެރި ކަމެއް. މިހާރު ކުރިމަތިވެފައިވާ ދަތިތަކާ އެކުގައިވެސް، ތިޔަ ބޭފުޅުން މިދުވަސްކޮޅު ގޭގައި މަޑުކޮށްލަދެއްވާ. އަޅުގަނޑުމެންގެ ސިއްހީ ހިދުމަތްތެރިން، އަވަދިނެތި މަސައްކަތް އެކުރައްވަނީ، ތިޔަ ބޭފުޅުންގެ ރައްކަލަށްޓަކައި،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ރާއްޖެ ލޮކްޑައުންގެ ހާލަތުގައި އޮތް ނަމަވެސް ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ތަކެތި އެއްވެސް ދަތިކަމެއް ނެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކޮވިޑަށް މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާއިރު، އެބަލިން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ ރަނގަޅު ކަމަކީ ގައިދުރުކުރުމާއި، ގެތަކުގައި ތިބުން ކަމުގައި ސިއްހީ މާހިރުން ކެނޑިނޭޅި ވިދާޅުވެއެވެ.