އަލީ ޔާމިން
ސިއްހީ ހުރިހާ ހިދުމަތްތެރީން ގައުމީ ހިދުމަތަށް ނުކުތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.
ރައީސް ސޯލިހު މިއަދު ގައުމާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ކޮވިޑާއި ދެކޮޅަށް މަސައްކަތް ކުރަމުން އަންނައިރު، އެންމެ ބޮޑަށް ރާއްޖެއަށް ބޭނުންވަނީ ސިއްހީ ހިދުމަތްތެރީން ކަމަށެވެ. އެހެންކަމުން ހިދުމަތުން ރިޓަޔާކޮށްފައިވާ ސިއްހީ ހިދުމަތްތެރީންނާއި، ވަގުތީ ގޮތުން ހިދުމަތާއި ދުރުގައި ތިބި ހިދުމަަތްތެރީީން ހިމެނޭހެން ސިއްހީ ހުރިހާ ހިދުމަތްތެރީން ގައުމީ ހިދުމަތަށް ނުކުތުމަށް ރައީސް ވަނީ ގޮވާލައްވައިފައެވެ.
"ހިދުމަތުން ރިޓަޔާކުރައްވައިގެން ތިއްބެވި، ވަރަށް ގިނަ ސިއްހީ ހިދުމަތްތެރީން މިހާރުވެސް އަޅުގަނޑުމެންގެ ތެރޭގައި އެބަތިއްބެވި. އަދި ވަގުތީ ގޮތުން ހިދުމަތާ ދުރަށް ޖެހިވަޑައިގެން އުޅުއްވާ ބައެއް ބޭފުޅުންވެސް އެބަތިއްބެވި. އަޅުގަނޑު ދަންނަވާނީ، މިއީ ތިޔަ ބޭފުޅުން އެނބުރި ހިދުމަތަށް ވަޑައިގަންނަވަންވީ ވަގުތޭ. ގައުމު މިއަދު ތިޔަ ބޭފުޅުންގެ ހިދުމަތަށް ނުހަނު ބޮޑަށް ބޭނުންވޭ،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، އަމިއްލަ ތަންތަނުގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރީންގެ ބޭނުންވެސް މިވަގުތު އިންތިހާއަށް ގައުމަށް ބޭނުންވާ ކަމަށެވެ.
ރާއްޖޭގައި މިވަގުތު ތިބި ސިއްހީ ހިދުމަތްތެރީންގެ އަދަދު މަދުވިޔަސް، އެ ބޭފުޅުންނަކީ ގައުމީ ރޫހުގައީ ކަމުގެ އިލްމާއި ހުނަރާއެކު މަސައްކަތް ކުރާނެ ބައެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި އާދަޔާ ހިލާފަށް ކޮވިޑް ފެތުރިއްޖެނަމަ، ސިއްހީ ނިޒާމަށް ނުކަތާނެ ކަމަށާއި އޭރުން ޑޮކްޓަރުންނާއި ނަރުހުންނާއި ވަސީލަތުގެ ޝޯޓޭޖެއް އައިސް އެތައް ބަޔަކަށް ފަރުވާ ނުދެވި ނޫކޮށްލަން ޖެހޭނެ ކަމުގެ އިންޒާރު މީގެ ކުރިން ސިއްހީ މާހިރުން ވަނީ ދީފައެވެ.