އިތުރު މީހުން މިވަގުތު ޕޮޒިޓިވް ވިޔަސް، ބަލި ފެތުރުން ކޮންޓްރޯލުން ނެއްޓިގެން ނުދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކޮވިޑް 19އާ ގުޅޭގޮތުން ގައުމާ މުހާތަބު ކުރައްވާ އެމަނިކުފާނު ވިދާޅުވީ، ކުރިއަށް މިއޮތް ދެ ހަފުތާގެ ތެރޭގައި، މާލޭގައި ކޮވިޑް 19 ބަލީގެ ހާލަތު، މިހާރަށް ވުރެ މައްޗަށް ދިޔުން އެކަށީގެންވާ ކަމަށް ރާއްޖޭގައި ކޮވިޑުގެ ހާލަތު ވަޒަންކުރައްވާ ސިއްހީ ތަޖުރިބާކާރުން އަންދާޒާ ކުރައްވާ ކަމަށެވެ.
އެހެންކަމުން ކުރިއަށް މިއޮތް ދެ ހަފުތާއަކީ ފަރުވާތެރިކަމާއި ވިސްނުންތެރިކަމާއެކު މަސައްކަތް ކުރަންޖެހޭ ދެ ހަފުތާ ކަމަށާއި އެ ދުވަސްކޮޅުގެ ތެރޭގައި ކުރެވޭ މަސައްކަތްތަކުން، މި ބަލިން އަވަހަށް އަރައިގަތުމުގެ އުންމީދު ވަރަށް ބޮޑު ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، މި ބައްޔަށް އިތުރު މީހުން މިވަގުތު ޕޮޒިޓިވް ވިޔަސް، މި ބަލި ފެތުރުން ހުއްޓުވުމަށް ކުރާ މަސައްކަތް ކޮންޓްރޯލުން ނެއްޓިގެނެއް ނުދާ ކަމަށާއި ރާއްޖޭގެ ސިއްހީ ހިދުމަތްތެރިންގެ އުންމީދެއް ވެސް ނުގެއްލޭ ކަމަށެވެ.
ކޮވިޑް 19ގެ ސަބަބުން ރާއްޖެ ވަރަށް ބޮޑަށް ސިއްހީ ހިދުމަތްތެރިންނަށް ބޭނުންވެފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ހިދުމަތުން ރިޓަޔާކުރައްވައިގެން ތިއްބެވި ވަރަށް ގިނަ ސިއްހީ ހިދުމަތްތެރިންނާއި ވަގުތީ ގޮތުން ހިދުމަތާ ދުރަށް ޖެހިވަޑައިގެން އުޅުއްވާ ބައެއް ބޭފުޅުން ވެސް އެބަ ތިއްބެވި ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ، މިއީ ތިޔަ ބޭފުޅުން އެނބުރި ހިދުމަތަށް ވަޑައިގަންނަވަންވީ ވަގުތޭ. ގައުމު މިއަދު ތިޔަ ބޭފުޅުންގެ ހިދުމަތަށް ނުހަނު ބޮޑަށް ބޭނުންވޭ. އަދި ސިއްހީ ހިދުމަތްދޭ ޕްރައިވެޓް ތަންތަނުގައި މަސައްކަތްކުރައްވާ ބޭފުޅުންގެ އެހީތެރިކަން ވެސް މިވަގުތު ވަރަށް ބޮޑަށް ބޭނުންވޭ،" ރައީސް ސޯލިހު ވިދާޅުވިއެވެ.