ކުރިއަށް އޮތް ދެހަފުތާގައި ވިސްނުންތެރިކަމާއެކު އުޅެވިއްޖެނަމަ މި ބަލިން އަރައިގަތުމުގެ އުއްމީދު ބޮޑު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކޮވިޑާ ގުޅޭގޮތުން ގައުމާ މުހާތަބު ކުރައްވާ އެމަނިކުފާނު ވިދާޅުވީ، ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި، މާލޭގައި ކޮވިޑް 19 ބަލީގެ ހާލަތު މިހާރަށްވުރެ މައްޗަށް ދިއުން އެކަށީގެންވާ ކަމަށް ރާއްޖޭގައި ކޮވިޑުގެ ހާލަތު ވަޒަންކުރައްވާ ސިއްހީ ތަޖުރިބާކާރުން އަންދާޒާ ކުރައްވާ ކަމަށެވެ.
"އެހެންވީމާ، ކުރިއަށް މިއޮތް ދެ ހަފުތާއަކީ، އަޅުގަނޑުމެން ވަރަށް ފަރުވާތެރިކަމާއި ވިސްނުންތެރިކަމާއެކު މަސައްކަތް ކުރަންޖެހޭ ދެ ހަފުތާ. އެ ދުވަސްކޮޅުގެ ތެރޭގައި އަޅުގަނޑުމެންނަށް ކުރެވޭ މަސައްކަތްތަކުން، މި ބަލިން އަވަހަށް އަރައިގަތުމުގެ އުންމީދު ވަރަށް ބޮޑު،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ކޮވިޑުގެ ބައްޔަށް އިތުރު މީހުން މިވަގުތު ޕޮޒިޓިވް ވިޔަސް، މި ބަލި ފެތުރުން ހުއްޓުވުމަށްކުރާ މަސައްކަތް، ކޮންޓްރޯލުން ނެއްޓިގެނެއް ނުދާ ކަމަށާއި ރާއްޖޭގެ ސިއްހީ ހިދުމަތްތެރިންގެ އުންމީދެއް ވެސް ނުގެއްލޭ ކަމަށެވެ.
އަދި މި ހާލަތަކީ މާގިނަ ދުވަހަށް ތިބެވޭނެ ހާލަތެއް ނޫންކަން އެންމެން ވެސް ގަބޫލުކުރައްވާނެ ކަމަށާއި މި އުނދަގޫ ހާލަތުން މިންޖުވުމަށްޓަކައި، ވީއެންމެ އަވަހަކަށް ބަލި ކޮންޓްރޯލްކުރެވޭތޯ އެންމެން އެކުގައި މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.