ކުއްލި ޚަބަރު

ގައުމުތަކުން ކޮށްފައިވާ ތަޖުރިބާއަށް ބަލާއިރު، މި ބަލިން އަރައިގަތުމަށް ދެ މަހަށްވުރެ ގިނަ ދުވަސް ނަގާ: ރައީސް

ގައުމުތަކުން ކޮށްފައިވާ ތަޖުރިބާއަށް ބަލާއިރު، ކޮވިޑް 19 އިން އަރައިގަތުމަށް ދެ މަހަށްވުރެ ގިނަ ދުވަސް ނަގާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކޮވިޑާ ގުޅޭގޮތުން ގައުމާ މުހާތަބު ކުރައްވާ އެމަނިކުފާނު ވިދާޅުވީ، ރާއްޖެ މިއޮތް ހާލަތުން އާމްދަނީ ހޯދަން މަސައްކަތް ކުރެވޭނެ ގޮތެއް އަދި ވަޒީފާއަށް ނުކުމެވޭނެ ގޮތެއް ވެސް ނެތް ކަމަށެވެ. އަދި އެތައް މިލިއަން ޑޮލަރެއް އިންވެސްޓްކޮށްގެން ހިންގަމުން އައި ރިސޯޓްތައް ފަޅުވެ، ހޮޓާތަކާއި ރެސްޓޯރެންޓުތައް ހުއްޓި، އާންމު ވިޔަފާރި އަޑިއަޅާލައިފައިވާ ކަމަށް ވިދާޅުވިއެވެ.

މި ހާލަތަކީ މާގިނަ ދުވަހަށް ތިބެވޭނެ ހާލަތެއް ނޫންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މި އުނދަގޫ ހާލަތުން މިންޖުވުމަށްޓަކައި، ވީއެންމެ އަވަހަކަށް ބަލި ކޮންޓްރޯލްކުރެވޭތޯ އެންމެން އެކުގައި މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.

"ކޮވިޑް 19އާ ދެކޮޅަށް، ގައުމުތަކުން މިހާތަނަށް ކޮށްފައިވާ ތަޖުރިބާތަކަށް ބަލާއިރު، މި ބަލިން އަރައިގަތުމަށް، ދެ މަހަށް ވުރެ ގިނަ ދުވަސް ނަގާ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ކޮވިޑާ ގުޅިގެން ކުރިމަތިވާ ދަތިތައް، ކެތްތެރިކަމާއެކު ތަހައްމަލުކުރި ގައުމުތަކުގެ ރައްޔިތުން އާންމު ދިރިއުޅުމަށް އެނބުރި ދާން ތައްޔާރުވަމުން އަންނައިރު ރާއްޖޭން ކެނޑިނޭޅި މަސައްކަތް ކުރަމުން މި އަންނަނީ މި ހާލަތުން އަރައިގަނެ، ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް އަލުން ފަށައި ދިރިއުޅުމުގެ އާންމު ހާލަތަށް ދިއުމަށް ކަމަށެވެ.

ނަމަވެސް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި، މާލޭގައި މި ބަލީގެ ހާލަތު މިހާރަށްވުރެ މައްޗަށް ދިއުން އެކަށީގެންވާ ކަމަށް ރާއްޖޭގައި ކޮވިޑުގެ ހާލަތު ވަޒަންކުރައްވާ ސިއްހީ ތަޖުރިބާކާރުން އަންދާޒާ ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންވީމާ، ކުރިއަށް މިއޮތް ދެ ހަފުތާއަކީ، އަޅުގަނޑުމެން ވަރަށް ފަރުވާތެރިކަމާއި ވިސްނުންތެރިކަމާއެކު މަސައްކަތް ކުރަންޖެހޭ ދެ ހަފުތާ. އެ ދުވަސްކޮޅުގެ ތެރޭގައި އަޅުގަނޑުމެންނަށް ކުރެވޭ މަސައްކަތްތަކުން، މި ބަލިން އަވަހަށް އަރައިގަތުމުގެ އުންމީދު ވަރަށް ބޮޑު،" ރައީސް ސޯލިހު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ކޮވިޑުގެ ބައްޔަށް އިތުރު މީހުން މިވަގުތު ޕޮޒިޓިވް ވިޔަސް، މި ބަލި ފެތުރުން ހުއްޓުވުމަށްކުރާ މަސައްކަތް، ކޮންޓްރޯލުން ނެއްޓިގެނެއް ނުދާ ކަމަށެވެ. އަދި ރާއްޖޭގެ ސިއްހީ ހިދުމަތްތެރިންގެ އުންމީދެއް ވެސް ނުގެއްލޭ ކަމަށް ވިދާޅުވިއެވެ.