ކުއްލި ޚަބަރު

ސިއްހީ ތަޖުރިބާކާރުން އަންދާޒާކުރަނީ ކުރިޔަށް އޮތް ދެހަފުތާގައި ބަލީގެ ހާލަތު މައްޗަށްދިޔުން އެކަށީގެންވާ ކަމަށް

ކުރިޔަށް އޮތް ދެހަފުތާގައި ބަލީގެ ހާލަތު މައްޗަށްދިޔުން އެކަށީގެންވާ ކަމަށް ސިއްހީ ތަޖުރިބާކާރުން އަންދާޒާކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކޮވިޑާ ގުޅޭގޮތުން ގައުމާ މުހާތަބުކުރައްވާ އެމަނިކުފާނު ވިދާޅުވީ، ކޮވިޑާ ގުޅިގެން ކުރިމަތިވާ ދަތިތައް، ކެތްތެރިކަމާއެކު ތަހައްމަލުކުރި ގައުމުތަކުގެ ރައްޔިތުން އާންމު ދިރިއުޅުމަށް އެނބުރި ދާން ތައްޔާރުވަމުން އަންނައިރު ރާއްޖޭން ކެނޑިނޭޅި މަސައްކަތް ކުރަމުން މި އަންނަނީ މި ހާލަތުން އަރައިގަނެ، ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް އަލުން ފަށައި ދިރިއުޅުމުގެ އާންމު ހާލަތަށް ދިއުމަށް ކަމަށެވެ.

ނަމަވެސް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި، މާލޭގައި މި ބަލީގެ ހާލަތު މިހާރަށްވުރެ މައްޗަށް ދިއުން އެކަށީގެންވާ ކަމަށް ރާއްޖޭގައި ކޮވިޑުގެ ހާލަތު ވަޒަންކުރައްވާ ސިއްހީ ތަޖުރިބާކާރުން އަންދާޒާ ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

" އެހެންވީމާ، ކުރިއަށް މިއޮތް ދެ ހަފުތާއަކީ، އަޅުގަނޑުމެން ވަރަށް ފަރުވާތެރިކަމާއި ވިސްނުންތެރިކަމާއެކު މަސައްކަތް ކުރަންޖެހޭ ދެ ހަފުތާ. އެ ދުވަސްކޮޅުގެ ތެރޭގައި އަޅުގަނޑުމެންނަށް ކުރެވޭ މަސައްކަތްތަކުން، މި ބަލިން އަވަހަށް އަރައިގަތުމުގެ އުންމީދު ވަރަށް ބޮޑު،" ރައީސް ސޯލިހު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ކޮވިޑުގެ ބައްޔަށް އިތުރު މީހުން މިވަގުތު ޕޮޒިޓިވް ވިޔަސް، މި ބަލި ފެތުރުން ހުއްޓުވުމަށްކުރާ މަސައްކަތް، ކޮންޓްރޯލުން ނެއްޓިގެނެއް ނުދާ ކަމަށެވެ. އަދި ރާއްޖޭގެ ސިއްހީ ހިދުމަތްތެރިންގެ އުންމީދެއް ވެސް ނުގެއްލޭ ކަމަށް ވިދާޅުވިއެވެ.