ކުއްލި ޚަބަރު

ކުރިޔަށް މި އޮތް ހަފުތާ ތެރޭގައި 1500 ބަންގްލަދޭޝް މީހުން ގައުމަށް ފޮނުވައިލުމުގެ މަސައްކަތް ފެށޭނެ: ރައީސް

ކުރިޔަށް މި އޮތް ހަފުތާ ތެރޭގައި 1500 ބަންގްލަދޭޝް މީހުން ގައުމަށް ފޮނުވައިލުމުގެ މަސައްކަތް ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކޮވިޑް 19އާ ގުޅޭގޮތުން ގައުމާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ވަންނާނެ ގެދޮރެއް، އާމްދަނީއެއް ހޯދާނެ ވަޒީފާއެއް ނެތި ގިނަ އަދަދެއްގެ ބިދޭސީންތަކެއް ރާއްޖޭގައި ދިރިއުޅެމުންދާ ކަމަށެވެ.

ބަންގުލަދޭޝް ސަރުކާރާ ވާހަކަ ދައްކައިގެން، އެގައުމުގެ 1500 މީހަކު، އެގައުމަށް ފޮނުވައިލުމުގެ މަސައްކަތް، ކުރިއަށް މިއޮތް ހަފުތާގެ ތެރޭގައި ފެށިގެންދާނެ. ގިނަ އަދަދެއްގެ ބިދޭސީންތަކެއް، ވަންނާނެ ގެދޮރެއް، އާމްދަނީ ހޯދާނެ ވަޒީފާއެއް، އަދި ރަސްމީ ލިޔެކިޔުމެއް ނެތި، ރާއްޖޭގައި އުޅެމުންދާއިރު، ހަމަ ގައިމުވެސް އެމީހުން ރާއްޖެއަށް ގެނައި ބަޔަކު ތިބޭނެ. މިއީ އެއް ދުވަހަކުން ދެ ދުވަހަކުން ކުރިމަތިވި ކަމެއް ނޫން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮވިޑް ފެތުރެމުންދާ ގޮތަށް ބަލާއިރު، މި ބަލި އެންމެ ބޮޑަށް ފެތުރިފައިވަނީ އެއް ތަނެއްގައި ތޮއްޖެހިގެން ދިރިއުޅެމުން އައި ބިދޭސީންގެ މެދުގައި ކަމަށާއި ބަލި ކޮންޓްރޯލު ކުރުމުގައި ކުރިމަތިވާ އެންމެ ބޮޑު ދައްޗަކީ ވެސް އެއީ ކަމަށެވެ.

""މިކަމަށް ހައްލެއް ހޯދުމަށްވެސް މިއަންނަނީ މަސައްކަތް ކުރަމުން. ގުޅިފަޅާއި، ހުޅުމާލެއާއި ވިލިވަރުގައި، ބިދޭސީން ބައިތިއްބާނެ ތަންތަން ހަދައި، ފުރަތަމަ ބުރުގައި، އެ ތަންތަނަށް 3000 މީހުން ބަދަލު ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން،" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާތަނަށް 541 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރެއިން 50 އިންސައްތަ މީހުންނަކީ ބަންގުލަދޭޝްގެ މީހުންނެވެ.