ބިދޭސީން ބައިތިއްބާނެ ތަންތަނަށް 3000 މީހުން ބަދަލު ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކޮވިޑް 19އާ ގުޅޭގޮތުން ގައުމާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ކޮވިޑް ފެތުރެމުންދާ ގޮތަށް ބަލާއިރު، މި ބަލި އެންމެ ބޮޑަށް ފެތުރިފައިވަނީ އެއް ތަނެއްގައި ތޮއްޖެހިގެން ދިރިއުޅެމުން އައި ބިދޭސީންގެ މެދުގައި ކަމަށެވެ.
"މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގައި، ކުރިމަތިވާ އެންމެ ބޮޑު ދައްޗަކީ ވެސް މިއީ. މިކަމަށް ހައްލެއް ހޯދުމަށްވެސް މިއަންނަނީ މަސައްކަތް ކުރަމުން. ގުޅިފަޅާއި، ހުޅުމާލެއާއި ވިލިވަރުގައި، ބިދޭސީން ބައިތިއްބާނެ ތަންތަން ހަދައި، ފުރަތަމަ ބުރުގައި، އެ ތަންތަނަށް 3000 މީހުން ބަދަލު ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އެމީހުންގެ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށާއި ބަންގުލަދޭޝް ސަރުކާރާ ވާހަކަދައްކައިގެން، އެގައުމުގެ 1500 މީހަކު އެގައުމަށް ފޮނުވައިލުމުގެ މަސައްކަތް، ކުރިއަށް މިއޮތް ހަފުތާގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ. އަދި ވަންނާނެ ގެދޮރެއް، އާމްދަނީއެއް ހޯދާނެ ވަޒީފާއެއް ނެތި އުޅޭ ބިދޭސީންގެ ވާހަކަ ވެސް ރައީސް ފާހަގަކުރެއްވިއެވެ.
"ގިނަ އަދަދެއްގެ ބިދޭސީންތަކެއް، ވަންނާނެ ގެދޮރެއް، އާމްދަނީ ހޯދާނެ ވަޒީފާއެއް، އަދި ރަސްމީ ލިޔެކިޔުމެއް ނެތި، ރާއްޖޭގައި އުޅެމުންދާއިރު، ހަމަ ގައިމުވެސް އެމީހުން ރާއްޖެއަށް ގެނައި ބަޔަކު ތިބޭނެ. މިއީ އެއް ދުވަހަކުން ދެ ދުވަހަކުން ކުރިމަތިވި ކަމެއް ނޫން." އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގައި މިހާތަނަށް 541 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރެއިން 50 އިންސައްތަ މީހުންނަކީ ބަންގުލަދޭޝްގެ މީހުންނެވެ.