ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ހަވީރު 5:30ގައި ގައުމާ މުހާތަބުކުރައްވަން ނިންމަވައިިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދާދި ދެންމެ ބުނީ ރައީސް ސޯލިހު މިއަދު ގައުމާ މުހާތަބުކުރައްވައި ވާހަކަފުޅުދައްކަވަން ނިންމަވާފައި ވަނީ މިހާރު ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް ބަލީގެ ހާލަތާ ގުޅޭ ގޮތުން ކަމަށެވެ.
ރައީސް ސޯލިހު މިއަދު ގައުމާ މުހާތަބުކުރައްވަން ނިންމަވާފައިވާ އިރު، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވީ މީހުންގެ އަދަދު މިހާރު ވަނީ 500 އިން މައްޗަށް އަރާފަ އެވެ. މީގެ ތެރޭން ބޮޑު އިންސައްތައަކީ ބިދޭސީންނެވެ.
ރާއްޖޭގައި ކޮވިޑު މުޖުމުތަމައުތެރޭން ފެނުނީ މިދިޔަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހު އެވެ. ހަމަ އެދުވަހު މާލެ ލޮކްޑައުން ކުރިކަން ސަރުކާރުން އިއުލާނުކުރި އެވެ. އޭގެ އެއްދުވަސް ފަހުން، އޭޕްރީލް 17 ވަނަ ދުވަހު މުޅި ރާއްޖެ ލޮކްޑައުން ކުރި އެވެ.
މާލޭ ސަރަހައްދުގެ ލޮކްޑައުން މި މަހުގެ 14 އާއި ހަމަޔަށް އިތުރުކޮށްފައި ވާއިރު، ކުއްލި ނުރައްކަލުގެ ހާލަތުވެސް ވަނީ މިމަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.