އިބްރާހިމް ޒަކީ
ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުގައި ހިނގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާބެހޭ ރިޕޯޓެއް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ޕާކްކޮށްފައިވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް، ދެއްކެވި ވާހަކައަށް އެކޮމިޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް ރައްދު ދެއްވައިފިއެވެ.
ނާޝިޒު ވިދާޅުވީ، އެފަދަ ރިޕޯޓެއް މާލއިްޔަތު ކޮމިޓީގައި ޕާކު ކޮށްފައި ނޯންނާނެ ކަމަށެވެ.
ނަމަވެސް އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ މައްސަލައެއް އެ ކޮމިޓީން ބަލަމުން އަންނަ ކަމަށާއި، އެ މައްސަލަ ބަލައި ނިމުމުން އޭގެން އެއްވެސް މީހަކު އިސްތިސްނާ ނުކޮށް އެ ކަން ހާމަކުރައްވާނެ ކަމަށް ނާޝިޒު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަހުމަދު ހަލީމް(ދޮންބިލެތް) ވިދާޅުވީ، އެމްއެމްޕީއާރުސީގެ މައްސަލަ ބެލުމަށްފަހު، އެކަމާބެހޭ ރިޕޯޓް މާލިއްޔަތު ކޮމިޓީގައި ޕާކު ކޮށްފައިވާ ކަމަށެވެ.
އެ ރިޕޯޓް ރައްޔިތުންނާ ހަމަޔަށް ހާމަކޮށްދޭން ޖެހޭ ކަމަށް ވިދާޅުވެ، އެކަން ކޮށްދިނުމަށް އަހުމަދު ހަލީމް ވަނި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ގޮވާލައްވައިފައެވެ.
އޭނާ ވިދާޅުވީ، އެމްޑީޕީގެ 65 މެންބަރުންނަށް ވޯޓު ދީގެ ރައްޔިތުން މަޖިލީހަށް ހޮވީ، އެއީ މޮޅުބަޔަކަށް ވެގެންނޫން ކަމަށެވެ. ނަމަވެސް ރައްޔިތުން އެކަންކުރީ އެ މެންބަރުންގެ މައްޗަށް ކުރި އުއްމީދަކުން ކަމަށާއި، އެ މެންބަރުންނަށް ރައްޔިތުން ވޯޓު ދިނީ، ސަރުކާރުތަކުން ކުރި ވައްކަންތަކާއި، ހިނގި މަރުތަކާއި، ހިންގި ޖަރީމާތައް ހޯދައިދޭނެ ކަމުގެ އިހްލާސްތެރިކަން ހުންނާނެ ކަމަށް ކުރި އުއްމީދުގައި ކަމަށެވެ.
އެމްއެމްޕިއާރުސީގެ ހިޔާނާތުގެ މައްސަލައިިގައި އެމްޑީޕީގެ ބައެއް މެންބަރުން ބައިވެރިވެފައިވާ ގޮތަށް، އިޝާރާތްކުރައްވައި، އޭނާ ވިދާޅުވީ، އެކަމުގައި އެމްޑީޕީގެ މެންބަރުން، އަދި ކިތަންމެ އިސްމަގާމުތަކުގައި ތިބި ބަޔަކު ހިމެނުނަސް އެކަން ރައްޔިތުންނަށް ހާމަވާން ޖެހޭ ކަމަށެވެ.
ގާނޫނުުން ބޮޑެތި ބާރުތަކެއް ދީގެން ކުރީ ސަރުކާރުތަކުގެ ޖަރީމާތައް ބެލުމަށް މަރު ކޮމިޝަނަކާއި އެސެޓް ރިކަވަރީ ކޮމިޝަނެއް ހެދި ނަަމަވެސް އެކަންކަން ރައްޔިތުންނާ ހަމައަށް ނާންނަ ކަން ހާމަކުރައްވައި، އެކަންކަން ހާމަކޮށްދެއްވުމަށް މަޖިލީހުގެ ރައީސަށް މެންބަރު އަހުމަދު ހަލީމް ވަނީ ގޮވާލައްވައިފައެވެ.
މެންބަރު ހަލީމުގެ ވާހަކަ ނިމުމުން ނިޒާމީ ނުކުތާއެއް ނަންގަވައި، ރައްދު ދެއްވަމުން ނާޝީޒު ވިދާޅުވީ، އެމްއެމްޕީއާރުސީއާ ބެހޭ، މައްސަލައެއްގެ ރިޕޯޓް މާލިއްޔަތު ކޮމިޓީގައި ޕާކުކޮށްފައި ނޯންނާނެ ކަމަށާއި، މެންބަރު ހަލީމު ދެއްކެވީ ހަގީގަތާ ހިލާފު ވާހަކައެއް ކަަމަށެވެ.
ނަމަވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަދަލައެއް އެ ކޮމިޓީން ބަލަމުން އަންނަ ކަމަށާއި، އެ މައްސަލަ ނިމޭހާ އަވަހަކަށް މަޖިލީހުގެ ތަޅުމަށް ފޮނުވާނެ ކަމަށްވެސް ނާޝީޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެކަމުގައި ކޮންމެ ބަޔަކު ހިމެނުނަސް އިސްތިސްނާ ނުކުރާނެ ކަމަށެވެ.