ޚަބަރު

މަޖިލީހުގެ ބާރުގަދަ ކޮމިޓީތަކަކުން އަޒާން ވަކިކޮށްފި

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ ބާރުގަދަ މުހިއްމު ކޮމިޓީތަކަކުން، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު، އަހުމަދު އަޒާން މަރުޒޫގު ވަކި ކޮށްފިއެވެ.

މަޖިލިސް ކޮމިޓީތަކުން އަޒާން ވަކިކޮށްފައި މިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކޮށް، ދެ ފަނޑިޔާރުން އުނިކުރަން ޖެހޭގޮތަށް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސްކުރަން ވޯޓު ދިނުމުގެ ބަދަލުގައި، އެބިލަށް ރޯލްކޯލް ވޯޓަަށް އަހަމުންދަނިކޮށް މަޖިލިސް ޖަލްސާއިން ނުކުންނެވުމާ ގުޅިގެން ޖެހުނު މައްސަލަތަކަށްފަހުގައެވެ.

މިމަހުގެ 26 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން އެ ބިލް ފާސްކުރީ ޖަލްސާގައި ތިއްބެވި 91 މެންބަރުންގެ ތެރެއިން 68 މެންބަރުންގެ ވޯޓުންނެވެ. ބިލް ފާސްކުރަން ނުފެންނަ ކަމަށް ވީޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ ނުވަ މެންބަރުންނެވެ.

އެ ދުވަހުގެ ވޯޓަށްފަހު އަޒާން ވިދާޅުވީ، ބިލަށް ވޯޓު ނުދިނީ ގާނޫނުއަސާސީއާ ހިލާފު ބިލަކަށްވާތީ ކަމަށެވެ.

މަޖިލިސް އިންތިހާބުގައި ދާއިރާގެ ރައްޔިތުންނަށް ދެއްވި ޔަގީން ކަމަކީ، އެ ރައްޔިތުންގެ މަސްލަހަތާއި ގައުމީ މަސްލަހަތު އިސްކުރައްވާނެކަމުގެ ޔަގީންކަން ކަމަށެވެ. އެހެންކަމުން އެއަށްވުރެ އިސްކުރަންޖެހޭ މަސްލަހަތެއް ނޯންނާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އެބިލަށް ވޯޓު ނުދެއްވި ސަބަބު ބަޔާން ކުރައްވައި އަޒާން ވިދާޅުވީ ކުރި އާއި މިހާރު ގާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި ގާނޫނީ ބޭފުޅުންގެ އިތުރުން އޭނާ ތަމްސީލު ކުރާ ރައްޔިތުންނާއި މި ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރުން ވެސް އެ ބިލަށް ތާއީދު ނުކުރަން މަޝްވަރާ ދެއްވި ކަމަށެވެ.

"މި ބިލަކީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާ ހިލާފް ބިލަކަށްވާތީ އެފަދަ ބިލަކަށް ތާއީދު ކުރުމަކީ ގާނޫނުއަސާސީގެ 75 ވަނަ މާއްދާއާ ހިލާފް ކަމެއް،"

އަޒާން ވިދާޅުވީ، ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް އޮތް ނަމަ ޖުޑީޝަލް ސާވިސް ކޮމިޝަން މެދުވެރިކޮށް އެ މައްސަލަ ބަލައި އެފަދަ މައްސަލައެއް ސާބިތުވާ ނަމަ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފަނޑިޔާރުން ވަކި ކުރެވިދާނެ ކަމަށެވެ.

އެކަން އެގޮތަށް ނުކޮށް، މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕީއެންސީއަށް އޮއްވައި ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައި ދެ ފަނޑިޔާރަކު މަގާމުން ވަކި ކުރަން މަޖިލީހުން ނިންމުމަކީ ގާނޫނީ ގޮތުން ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަމުދުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބަލަމުން ދަނިކޮށް އެ ކޯޓުގެ ދެ ފަނޑިޔާރެއް މަގާމުން ވަކިކުރުމަށް ގާނޫނަށް އިސްލާހު ގެނައުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ގަބޫލެއް ނުކުރެވޭ، އެއީ ހުޅުވައިލެވިފައިވާ މިނިވަން ދިމިގުރާތީ މުޖުތަމައުތަކުގައި އަމަލުކުރާ އުސޫލުތަކާއި ދިވެހިރާއްޖެއިން ބަލައިގަނެފައިވާ މުއާހަދާތަކާ ބީރައްޓެހި އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ކަނޑައެޅިގެން ހިލާފަށް ކުރެވިގެންދާ ކަމެއް ކަމަށް ވާތީ އެފަދަ ކަމެއްގައި ބައިވެރިވެ ތާއީދު ނުކުރެވޭނެ،" އަޒާން ވިދާޅުވިއެވެ.

އަޒާން އިތުރަށް ވިދާޅުވީ އޭނާ އަދިވެސް ހުންނެވީ މި ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރެއްގެ ގޮތުގައި ކަމަށެވެ. އަޒާން ވިދާޅުވީ، ބިލަށް ވޯޓު ނުދިނަސް ހުންނެވީ ސަރުކާރާއެކުގައި ކަމަށެވެ.

ނަމަވެސް އެ ކަންތައްތަކަށްފަހު ޕީއެންސީ ތެރޭގައި އަޒާނަށް ފިޔަވަޅު އެޅުމުގެ ކަންތައްތަކެއް ކުރިއަށްދިޔައެވެ. އެގޮތުން ބައެއް ވައިބާ ގްރޫޕުތަކުން އަޒާން ބޭރުކުރި ހަބަރުތަކެއްވެސް އިވިގެންދިޔައެވެ.

އެންމެފަހުން ރައްޔިތުންގެ މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމެޓީން އަޒާން މިވަނީ ވަކި ކޮށްފައެވެ.

އެއީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އާއި މާލިއްޔަތު ކޮމިޓީއެވެ.

އަޒާންގެ ބަދަލުގައި އެ ދެކޮމިޓީގެ ތެރެއިން މާލިއްޔަތު ކޮމިޓީއަށް ހަމަޖައްސާފައި ވަނީ، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާންއެވެ. އަދި 241 ކޮމިޓިއަށް ހަމަޖައްސާފައި ވަނީ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލެވެ.

އޭގެ ބަދަލުގައި، މީގެ ކުރިން މުހައްމަދު އިސްމާއީލް އިންނެވި، އިމްތިޔާޒާއި ސުލޫކު ކޮމިޓީ އާއި އައިފާން އިންނެވި ޕެޓިޝަން ކޮމީޓީއަށް އަޒާން ވަނީ ބަދަލުކޮށްފައެވެ.