ޚަބަރު

ފުލުހުންގެ ފްލެޓް ކޮރަޕްޝަން: މަސައްކަތަށް ގެނައި ވެހިކަލްތަކުގެ ތަފްސީލު ހިއްސާކުރަން އަންގައިފި

އިބްރާހިމް ޒަކީ

1

ފުލުހުންގެ ހައުސިން ޕްރޮޖެކްޓް، ބްލޫސް ހައުސިން ޕްރޮޖެކްޓުގައި ހިނގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން، ފްލެޓްތަކުގެ މަސައްކަތްތަކަށް ގެނައި ވެހިކަލްތަކާ ބެހޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހާ ހިއްސާ ކުރުމަށް ފުލުހުންނަށް އަންގައިފިއެވެ.

އެމައުލޫމާތު ހިއްސާކުރަން މަޖިލީހުން އަންގާފައި ވަނީ، ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއަށް މަޖިލީހުން ފޮނުއްވި ސިޓީއެއްގައެވެ.

އެސިޓީގައި ވަނީ، ބްލޫސް ހައުސިން ޕްރޮޖެކްޓުގެ މަސައްކަތްތަކަށް 2014-2017 އަށް ރާއްޖެއަށް އެތެރެކުރި އުޅަނދުތަކެއްގެ މައުލޫމާތުތައް އަންނަ އަންގާރަ ދުވަހުގެ ކުރިން ހިއްސާކުރަން އެދިފައެވެ.

ފުލުހުންގެ ފްލެޓްތަކާބެހޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ގެންދަނީ ތަހުގީގު ކުރަމުންނެވެ. އޭގެ އިތުރުން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިންވެސް އެ މައްސަލަ ބަލަމުންދެއެވެ.

އެކަމާ ގުޅިގެން އެންޓި އޭސީސީން އިއްޔެވެސް ވަނީ ޕޮލްކޯއަށް ވަދެފައެވެ.

ބްލޫސް ހައުސިން ޕްރޮޖެކްޓްގެ ދަށުން 300 ހައުސިން ޔުނިޓު ހެދުމަށް ޕޮލްކޯއިން ކޮރަޕްޝަންގެ ގިނަ އަމަލުތަކެއް ހިންގާފައިވާކަން ފެންމަތިވެފައިވަނީ އޮޑިޓް އޮފީހުން މިދިޔަ މަހުގެ 24 ވަނަ ދަވަހު އާންމުކުރި ހާއްސަ އޮޑިޓް ރިޕޯޓުންނެވެ.

އެ ރިޕޯޓްގައިވާ ގޮތުން ބްލޫސް ހައުސިން ޕްރޮޖެކްޓް މަޝްރޫއަށް ޖުމްލަ 1.06 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި އެއީ އަކަފޫޓަކަށް (ޖުމްލަ 573،332 އަކަފޫޓު) 1851 ރުފިޔާގެ ރޭޓުން ކަމަށެވެ. ނަމަވެސް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ ޓެންޑާ އިވެލުއޭޝަން ބޯޑުން ހޯދި މައުލޫމާތުތަކާއި އަމިއްލަ ފަރާތްތަކުގެ ކޮންސްޓްރަކްޝަން މަސައްކަތްތަކުގެ އަގުތަކަށް ބަލާ އިރު، މިފަދަ ކޮންސްޓްރަކްޝަން މަސައްކަތުގެ އެވަރެޖު އަގަކީ އަކަފޫޓަކަށް 1300 އާއި 1500 ރުފިޔާ ކަމަށް ވެސް ރިޕޯޓްގައިވެއެވެ.

މި ރޭޓުތަކަށް ބަލާނަމަ މި މަޝްރޫއުގެ އަގަށް ޖެހޭނީ 745.3 މިލިއަން ރުފިޔާ ކަމަށާއި އެންމެ ބޮޑުވެގެން ވެސް ހަރަދުވާނެ ކަމަށް ބެލެވެނީ 859.9 މިލިއަން ރުފިޔާ ކަމަށެވެ. އެހެންކަމުން މި މަޝްރޫއަށް 354.7 މިލިއަން ރުފިޔާ އިތުރަށް ހަރަދު ކޮށްފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައިވެއެވެ.

މި މަޝްރޫއުގެ ފުރަތަމަ އެއްބަސްވުމުގެ އަގު ކަމުގައި 580 މިލިއަން ރުފިޔާއާ އަޅައި ބަލާ އިރު، މި މަޝްރޫއަށް މިހާތަނަށް ހިނގާފައިވާ 481 މިލިއަން ރުފިޔާ އިތުރުވެ، ގާތްގަނޑަކަށް ދެގުނަ ހަރަދުކޮށްފައިވުމުން، ދައްކައިދެނީ މިފަދަ ބޮޑެތި ޕްރޮޖެކްޓްތައް ހިންގުމުގެ ފަންނީ ގާބިލްކަން ޕޮލްކޯގައި ނެތް ކަމާއި ކޮންޓްރެކްޓަރުންނަށް ފައިދާވާގޮތަށް އެއްބަސްވުންތަކަށް ބަދަލު ގެނެސްފައިވުމާއި އަދި ފްރޯޑާއި ކޮރަޕްޝަންގެ އަމަލުތަކަށް ޝައްކުކުރެވޭ ކަންކަން މި މަޝްރޫއުގެ ތެރޭގައި ހިނގާފައިވާ ކަމެވެ،" އޮޑިޓް ރިޕޯޓްގައިވެއެވެ.

އޮޑިޓް ރިޕޯޓްގައިވާ ގޮތުން މި މަޝްރޫއުގެ ބީލަމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތާ ހިލާފަށެވެ.

އެގޮތުން 30 ޖޫން 2013 ގައި ނޫމަޑިއަށް 500 މިލިއަން ރުފިޔާއަށް 300 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ ކޮންޓްރެކްޓް ހަވާލުކޮށްފައިވަނީ ބީލަން ސަރުކާރުގެ ގެޒެޓުގައި އިއުލާން ނުކޮށް ކަމަށާއި އަދި މަސައްކަތް ހަވާލު ކުރާނެ ފަރާތެއް ހޮވުމަށްޓަކައި ޓެންޑާ އިވޭލުއޭޝަން ބޯޑަށް ހުށަހަޅާފައިނުވާ ކަމަށެވެ. އަދި ކޮންޓްރެކްޓަރުގެ މާލީ އަދި ފަންނީ ގާބިލުކަމާއި ތަޖުރިބާ ވަޒަން ކޮށްފައިނުވުމުގެ ސަބަބުން ވަކި ހިސާބަކުން ކޮންޓްރެކްޓަރު މަސައްކަތުން ވަކިކޮށް އެހެންފަރާތަކަށް މަސައްކަތް ހަވާލުކުރަންޖެހި، މަޝްރޫއުގެ ހަރަދު އިތުރުވެގެން ގޮސްފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައިވެއެވެ.

މީގެ އިތުރުން ނޫމަޑިއާއެކު ވެފައިވާ އެއްބަސްވުން ބާތިލުކުރުމުގެ ގޮތުން، ދެ ފަރާތުން ސޮއިކޮށްފައިވާ ޓާމިނޭޝަން އެގްރީމެންޓުގައިވާ ގޮތުން ޕޮލްކޯ އިން ނޫމަޑިއަށް ޖުމުލަ 96،324،296 (ނުވަދިހަ ހަ މިލިއަން ތިން ލައްކަ ސައުވީސް ހާސް ދުއިސައްތަ ނުވަދިހަ ހައެއް) ރުފިޔާ ދައްކާފައިވާ އިރު، ނޫމަޑިން ކޮށްފައިވާ މަސައްކަތުގެ އަގަކީ 38،202،432 ރުފިޔާއެވެ. އަދި ނޫމަޑިއަށް ދައްކަންޖެހޭ ފައިސާގެ އަދަދަކީ 64.3 މިލިއަން ރުފިޔާ ކަމަށާއި އެހެންކަމުން އެކުންފުންޏަށް ދައްކަން ޖެހޭ ފައިސާގެ އިތުރަށް 20 މިލިއަން ރުފިޔާ، ޕޮލްކޯއިން ދިން ކަމަށް އެ މަޝްރޫއާ ގުޅޭ ހާއްސަ އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟