ރާއްޖޭގައި ތިބި ތައިލެންޑު ރައްޔިތުން ގޮވައިގެން މޯލްޑިވިއަންގެ އިތުރު ފްލައިޓެއް އެގައުމަށް ފުރައިފި އެވެ.
ރާއްޖޭގައި ހުންނަ ތައި ކޮންސުލޭޓުން ކުރި ޓުވީޓެއްގައި ބުނީ މޯލްޑިވިއަންގެ ފްލައިޓެއްގައި 131 ތައިލޭންޑު ރައްޔިތުން ގައުމަށް އަނބުރާ ދިއުމަށް މިއަދު ފުރާފައިވާ ކަމަށެވެ.
މި ޗާޓާޑް ފްލައިޓަކީ ތައިލެންޑް އެމްބަސީއާއި ރާއްޖޭގައި ހުންނަ ތައި ކޮންސުލޭޓް އާއި ގުޅިގެން އިންތިޒާމު ކުރި "ވޮލަންޓަރީ ރިޕެޓްރިއޭޝަން" ފްލައިޓެއް ކަމަށް ތައި ކޮންސުލޭޓުން ބުނެއެވެ.
މޯލްޑިވިއަން އިން މިކަމާ ގުޅިގެން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެ އެއާލައިނުން އަންނަނީ ތައި ކޮންސުލޭޓްގެ އިތުރުން ކަމާ ގުޅުން ހުރި ފަރާތްތަކާއެކު އެގައުމުގެ ރައްޔިތުން އަނބުރާ ގައުމަށް ގެންދިއުމަށް މަސައްކަތް ކުރަމުން ކަމަށެވެ.
މިދިޔަ މަހު ކުރީ ކޮޅުވެސް މޯލްޑިވިއަން އިން ވަނީ ތައިލެންޑަށް ދަތުރު ކޮށްފައެވެ. ރާއްޖޭގައި ތިބި ތައިލެންޑުގެ 55 ރައްޔިތަކު އެ ފްލައިޓުގައި އަނބުރާ ގައުމަށް ގޮސްފައި ވެއެވެ.
ރާއްޖެއިން ކޮވިޑް 19 ފެނި، ރާއްޖެ ލޮކްޑައުނަކަށް ދިއުމުގެ ސަބަބުން އެކި ގައުމުތަކުން ރާއްޖޭގައި މަސައްކަތް ކުރަން އައިސް ތިބި މީހުންގެ އިތުރުން ގިނަ ފަތުރުވެރިންތަކެއް ވެސް ވަނީ އަނބުރާ ގައުމަށް ދެވޭނެ ގޮތެއް ނެތިފައެވެ.