އިބްރާހިމް ޒަކީ
ކޮވިޑް 19 އާ ގުޅިގެން އިއުލާން ކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާންކޮށްފައިވާ މި މުއްދަތުގައި، ސަރުކާރުން ކުރާ ކަންތައްތަކުގެ ތެރޭގައި ކޮރަޕްޝަން ހިމެނޭތޯ ބެލުމަށް އޭސީސީން ބަލަމުން އަންނަ މައްސަލަތަކުގެ ތެރެއިން، ވެންޓިލޭޓަރުތައް ގަތުމަށް ބަޔަކާ ހަވާލު ކުރުމުގައި ކޮރަޕްޝަން ހިމެނޭތޯ ބެލުމަށް ތަހުގީގު ކުރާ މައްސަލައިގެ ހުރިހާ ލިޔުކިޔުމެއް ލިބިފައިވާ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން، އޭސީސީން ބުނެފިއެވެ.
ރައްްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް މައުލޫމާތު ދެއްވަމުން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ، ވެންޓިލޭޓަރާބެހޭ މައްސަލައިގެ ޑޮކިއުމެންޓްތައް ލިބުނު ނަމަވެސް، ރާއްޖޭން ބޭރުގައި ތިބި ދިވެހިން މޯލްޑިވިއަނުން ރާއްޖެ ގެނައުމުގައި، އިސްކަންދޭ ފަރާތްތައް ކަނޑައަޅާއިރު ދައުލަތުގެ އިސްވެރިންގެ ނުފޫޒު ބޭނުންކޮށްގެން އެފަދަ ފަރާތްތަކުގެ އައިލާތަކާއި ރައްޓެހިންނާއި ގުޅުން އޮންނަ ފަރާތްތައް ގެންނަ ކަމަށް ބުނާ މައްސަލައިގެ އެއްވެސް ލިޔެކިޔުމެއް އަދި ލިބިފައި ނުވާ ކަމަށެވެ.
ޝިއުނާ ވިދާޅުވީ، ކޮމިޝަނުގެ މަސައްކަތަށް ސަރުކާރުގެ ހުރިހާ އިދާރާ ތަކުން އެެއްބާރުލުން ދިންނަމަވެސް، މޯލްޑިވިއަންގެ ލިޔެކިޔުންތައް ހޯދުމަށް ފޮނުވާފައިވާ މައްސަލައިގައި އަދި އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ.
ޝިއުނާ ވިދާޅުވީ މި ހާލަތުގައި ސަރުކާރުން ކުރަމުންދާ ކަންތައްތަކުގައި ކޮރަޕްޝަން ހިމެނޭތޯ ބެލުމަށް، ފަސް މައްސަލައެއް އޭސީސީން ބަލަމުން އަންނަ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ، އާއްމުންގެ ފަރާތުން ހުށަހެޅި ދެ މައްސަލައަކާއި އޭސީސީގެ ކޮމިޝަނަރުންނަށް ފެނިގެން ބަލަމުން އަންނަ ތިން މައްސަލަ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނޭ މައްސަލަތަކުގެ ތެރޭގައި، ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން ގެންނަން ނިންމާފައިވާ، ވެންޓިލޭޓަރުތައް ގަތުމަށް ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަން ހިމެނޭކަމަށް ބުނާ މައްސަލައާއި، ވަކި ފަރާތަކަށް ނާޖާއިޒް ފައިދާ ލިބޭ ގޮތަށް ތަކެތި ގަތުމާއި ހިދުމަތްދިނުމަށް ޕްރޮކިއުމެންޓްގެ އުސޫލާ ހިލާފަށް ކަންތައްތަކެއް ކުރަމުންގެންދާ ކަމަށް ބުނާ މައްސަލަ ހިމެނޭ ކަމަށް ޝިއުނާ ވިދާޅުވިއެވެ. މިހާލަތުގައި، ރާއްޖޭން ބޭރުގައި ތިބި ދިވެހިން މޯލްޑިވިއަނުން ރާއްޖެ ގެނައުމުގައި، އިސްކަންދޭ ފަރާތްތައް ކަނޑައަޅާއިރު ދައުލަތުގެ އިސްވެރިންގެ ނުފޫޒު ބޭނުން ކޮށްގެން އެފަދަ ފަރާތްތަކުގެ އާއިލާތަކާއި ރައްޓެހިންނާއި ގުޅުން އޮންނަ ފަރާތްތައް ގެންނަކަމަށް ބުނާ މައްސަލަވެސް ހިމެނޭ ކަމަށް ޝިއުނާ ވިދާޅުވިއެވެ.
ޝިއުނާ ވިދާޅުވީ، ހާއްސަ ހާލަތެއްގެ ދަށުން މިދުވަސްވަރު ލޮކްޑައުން ކޮށްފައިވާތީ، އެ މައްސަލަތަކުގައި ބޭނުންވާ ޑޮކިއުމެންޓްތައް ހޯދުމާއި، މީހުންގެ ބަޔާން ނެގުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
ނަމަވެސް މީގެ ކުރީން އޭސީސީން މައްސަލަތައް ބަލަން ފަށާފައިވަނީ އެ އޮންނަ ވެރިކަމެއް ނިމުމުން ކަމަށްވިޔަސް، އޭސީސީގެ މިހާރުގެ ޓާގެޓަކީ އެހިނގަމުންދާ ކަމެއް ނިމުމުގެ ކުރިން އެމައްސަލައެއް ބަލައި އެކަމުގައި ކަން ހިނގާފައިވާ ގޮތް ހާމަކުރުން ކަމަށެވެ.
އެގޮތުން މި ހާލަތު ނިމުމުގެ ކުރިން މިހާރު ބަަލަމުން އަންނަ މައްސަލަތައް ނިންމަން މަސައްކަތްކުރާ ކަމަށްވެސް ޝިއުނާ ވިދަޅުވިއެވެ.